ސުޕްރީމް ކޯޓުގެ ސެކިއުރިޓީއާ ސިފައިން އަލުން ހަވާލުވެއްޖެ
ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އެމްއެންޑީއެފްގެ މެރިންކޯގެ ސިފައިން ކުއްލި ގޮތަކަށް ރޭ ހުއްޓާލުމަށް ފަހު އަނެއްކާ ވެސް އެތަނުގެ ސަލާމަތީ ކަންތައްތަކާ މިއަދު ހަވާލުވެއްޖެ އެވެ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވީ، ރޭ 7:30 އިން ފެށިގެން، މެރިންކޯގެ ސިފައިން، ސުޕްރީމް ކޯޓުގެ ޑިއުޓީއަށް ނުކުތުން ހުއްޓާލުމަށް ފަހު އަލުން ޑިއުޓީއަށް ނުކުންނަން ފެށީ މިއަދު މެންދުރު 12:50 ގައި ކަމަށެވެ. ނަމަވެސް އަލުން ޑިއުޓީއަށް ނުކުންނަން ފެށި ސަބަބެއް އަދި ޑިއުޓީއަށް ނުކުތުން ހުއްޓާލި ސަބަބެއް ވެސް އެމްއެންޑީއެފުން އަންގާފައި ނެތް ކަމަށް ޖުޑީޝަރީގެ އޮފިޝަލް ވިދާޅުވި އެވެ.މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.މެރިންކޯގެ ސިފައިންނަކީ، ސުޕްރީމް ކޯޓުގެ ގޭޓް ބަލަހައްޓަން ތިބޭ މީހުންނެވެ.އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ޑިއުޓީއަށް ނުކުތުން، މެރިންކޯގެ ސިފައިން ހުއްްޓާލުމަށް ފަހު، ރޭ ވަނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ވެސް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ދެ ގަޑިއެއްހާއިރު ފަހުން ސިފައިން އައިސް އަލުން ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޖުޑީޝަރީގެ މީޑިއާއިން ބުންޏެވެ."ތަޅުދަނޑި ދީފައި ބުނީ އޮޅިގެން ގެންދެވުނީއޭ،" ޖުޑީޝަލް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި އެވެ.މެރިންކޯގެ ސިފައިން، ސުޕްރީމް ކޯޓުގެ ޑިއުޓީ ދޫކޮށްފައި ރޭ ދިއުމުން، އެތަން ބެލެހެއްޓީ ޖުޑީޝަލް ޑިޕާޓްމަންޓުގެ ސެކިއުރިޓީންނެވެ. މެރިންކޯގެ ސިފައިން ދިޔަ ނަމަވެސް އެތަނުގައި އެމްއެންޑީއެފްގެ އެސްޕީޖީ މީހުން ދިޔައީ ޑިއުޓީ އަދާކުރަމުންނެވެ. އެހެން ނަމަވެސް އެއީ ކޯޓުގެ ރިސެޕްޝަން އޭރިއާގައި ހަރަކާތްތެރިވާ ސިފައިންނެވެ.މެރިންކޯގެ ސިފައިން، ސުޕްރީމް ކޯޓު ދޫކޮށްފައި ރޭ ދިޔަތާ ފަސް ގަޑިއިރު ތެރޭގައި، ބަޔަކު ވަނީ އެ ކޯޓު ދޮށަށް އެއްވެ، އިރުމަތީ ގޭޓްގެ ކުޑަ ގޭޓްގެ ތަޅު ހަލާކުކޮށްލައިފަ އެވެ.ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހެނީ ދައުލަތުގެ ސަލާމަތީ ބާރުތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ