އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ސިފައިން ޖަވާބުދާރީ ވުމަށް ހައި ކޯޓުން ސިޓީއެއް ފޮނުވައިފި

ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އިއްޔެ ހައި ކޯޓަށް ހާޒިރުކުރަން އެންގުމުން ހާޒިރު ނުކުރި މައްސަލައަށް ޖަވާބުދާރީ ވުމަށް ހައި ކޯޓުން ސިފައިންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ހައި ކޯޓުގެ ސިޓީގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އޭނާ އިއްޔެ މެންދުރު 00: 14 އަށް ހައި ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރުމުން ހާޒިރުނުކުރި މައްސަލަ އަށް މިއަދު މެންދުރު 00: 14 ގެ ކުރިން ޖަވާބުދާރީ ވުމަށެވެ.
އިއްޔެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އަބްދުﷲ ގާޒީގެ ޣައިރު ހާޒިރުގަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ގޭގައި ހުންނަވަނިކޮށް ގޭގެ ދޮރު ހަލާކުކޮށްލައިގެން ސިފައިން ވަދެ އެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ ބަންދުކޮށްފައި ހުންނެވީ ކޮން ތާކުކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން ވަނީ ޗިޓް ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެ ރޭ ހައި ކޯޓުން ވަނީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ