އެމްޑީޕީގެ ތިން މަޖިލިސް މެމްބަރުން ފިޔަވައި އެންމެން ވަނީ އަދީބު އަތުން ރިޝްވަތު ނަގާފައި: އުމަރު

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ފިޔަވައި އެޕާޓީގެ ހުރިހާ މަޖިލީސް މެމްބަރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އަތުން ރިޝްވަތުގެ ފައިސާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިރޭ ސަން އަށް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން އަދީބުގެ އަތުން ރިޝްވަތުގެ ފައިސާ ނެގީ ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސް ކަމުން ވަކިކޮށް އެމަގާމަށް އަދީބު ގެންނަން މަޖިލީހުގައި ވޯޓު ދިނުމަށް ކަމަށެވެ. އުމަރު ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން އަދީބުގެ އަތުން ރިޝްވަތުގެ ފައިސާ ނެގިކަން ތަހުގީގުން އެނގެން އެބައޮތް ކަމަށާއި އެކަން އެހެން އޮތްއިރު، މި ސަރުކާރާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރުމުގެ ޖާގައެއް އެމްޑީޕީއަކަށް ނޯންނާނެ ކަމަށެވެ. "އަދީބު އެމީހުން ކައިރީ ބައިންދައިގެން ކޮރަޕްޝަނޭ ކިޔައިގެން ވާހަކަ ދެއްކީމަ ހިނި އަންނާނީ އެންމެން،" އުމަރު ވިދާޅުވިއެވެ. ހޯމް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގެވީ އަދީބު ކަމަށާއި އެކަން ފަޅާއެރި ހިސާބުން އެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. "މި ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގީ އަދީބު. އޭނާ އެ ވަނީ ހައްޔަރުކޮށްފައި. އެހެންވީމަ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާ ސަރުކާރެއް ކަން އެ އޮތީ ފެންނަން. އަދީބު ހިންގި ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އޭނާއަށް އެކަމުގެ އަދަބު ލިބޭނެ،" އުމަރު ވިދާޅުވިއެވެ. އެމްޑީޕީއަކީ ރާއްޖޭގައި ތިބި އެންމެ ކޮރަޕްޓު މީހުން ތިބި ޕާޓީ ކަމަށާއި އެމްޑީޕީ ސަރުކާރުގައި ކަންހިގައިދިޔަ ގޮތަށް ބަލާއިރު އެކަން އެނގިގެންދާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ޖީއެމްއާރުން ފައިސާ ނެގުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިންގަޕޫރަށް ދިޔަކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. "ޚުދު ނަޝީދު ވެސް ޖީއެމްއާރު މައްސަލައިގައި ނެގި ފައިސާ ހޯދުމަށްޓަކައި ސިންގަޕޫރަށް ދިޔަކަން މިހާރު އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ ކޮރަޕްޝަނޭ ކިޔައިގެން ވާހަކަ ދައްކާނެ ކަމެއް ނެތް. ދިވެހިރާއްޖޭގައި ތިބި ކޮރަޕްޓު މީހުން ތިބޭނީ މިހާރު އެމްޑީޕީ ގައި. އަދީބު ދިޔައިމަ އެ ހަމަވީ. އެންމެ މީހަކު މަދުވާނީ އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް. އޭނާ އެމްޑީޕީއަށް ސޮއިކުރީމަ އެހެރީ ހަމަވެފަ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ