ޕެޑްރީގެ ރިލީޒް ކްލައުސް އަކަށް އެއްބިލިއަން ޔޫރޯ

އެއްބިލިއަން ޔޫރޯގެ ރިލީޒް ކްލައުސް އަކާއެކު ސްޕެނިޝް ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާ އާއިއެކު އެކުލަބުގެ ޒުވާން ތަރި ޕެޑްރީ ކޮންޓްރެކްޓް ހަދަން އެއްބަސްވެއްޖެއެވެ.
އުމުރުން 18 އަހަރުގެ މިޑްފީލްޑަރު މި ކޮންޓްރެކްޓަށް އެއްބަސްވި ނަމަވެސް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނީ ހުކުރު ދުވަހުގެ ވަގުތެއްގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މޮޅު ކުޅުމަކާއެކު މުޅި ފުޓުބޯޅަ ދުނިޔެ ސިއްސުވާލި ޕެޑްރީ ބާސާއަށް ބަދަލުވީ 2020 ވަނަ އަހަރުގެ އޮގަސްޓުމަހު ލަސް ޕާމާސް އިންނެވެ. ފާއިތުވީ ސީޒަނުގައި ޕެޑްރީ ބާސާގެ ޖާޒީގައި ޖުމްލަ 53 މެޗު ކުޅެފައިވާއިރު މިއީ އެސީޒަނުގައި ބާސާގެ ކުޅުންތެރިއަކު އެންމެގިނަ މެޗު ކުޅެދިން އަދަދެވެ.
ޕެޑްރީ ވަނީ ޔޫރޯ 2020 ގައި ސްޕެއިންގެ ސްކޮޑުގައި ހިމެނި މޮޅު ކުޅުމެއް ދައްކާ، އެގައުމު ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއްވެސް އަދާކޮށްފައެވެ. އަދި ޕެޑްރީ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ.
މިހާތަނަށް ބާސެގެ ޖާޒީގައި ޖުމްލަ 56 މެޗު ކުޅެދީފައިވާ ޕެޑްރީ ވަނީ އެޓީމަށް 4 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ބާސާ އާއިއެކު 2020/2021 ވަނަ އަހަރުގެ ކޮޕާ ޑެލްރޭވެސް ޕެޑްރީ ކާމިޔާބު ކޮށްފައިވެއެވެ.
ޕެޑްރީ ކޮންޓްރެކްޓުގައި ސޮއިކުރުމަށް އެއްބަސްވެފައިވާކަން ބާސާއިން ހާމަކޮށްފައިވާއިރު އައު އެއްބަސްވުމުގެ ދަށުން އޭނާ އެކުލަބުގައި 2026 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މަޑުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ