ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ އަންނަ އާދީއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.
ޕީޕީއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަކުރަން އެދޭ ފަރާތްތަކުގައި މެދުގައި ބާއްވާ ޕްރައިމަރީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ކޮމަންޑޫ، މަރޮށި، ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި ބައި އިލެކްޝަންގައި ވާދަކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް ބުންޏެވެ.
ޕީޕީއެމުން ބުނީ، ބައި އިލެކްޝަންގައި ވާދަކުރެވޭނީ އެޕާޓީއާއި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އިއްޔެގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މެންބަރަކަށް ކަމަށެވެ. އަދި ބައި އިލެކްޝަންގައި ވޯޓު ލެވޭނީވެސް އިއްޔެއާ ހަމައަށް އެ ކޯލިޝަންގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ