ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާކަމަށެވެ.
މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިޝަނުގެ ވެބްސައިޓު އަދި ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 02 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް [email protected] އިންނެވެ.
އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެނެވެ.
އިންތިހާބާއި ބެހޭ ގާނޫނުތައް ބުނާގޮތުން މަޖިލީހުގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ.
އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ