މިހިސާބަށް ދިޔައީ ރައީސް ސާލިހް ގާތުން ކަންކަން ނުބައްލަވާތީ: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށް ލޮޅުން އައިސް، ގައުމުގެ ކަންކަން މިހިސާބަށް އައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ގާތުން ކަންކަން ނުބައްލަވާތީކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިގްތިސާދަށް އަންނަ ހީނަރުކަމާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އެގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާއިރު ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވަނީ 16 އިންސައްތައަށެވެ. އެހެންނަމަވެސް މިބަދަލު ގެންނާނީ 6 މަސް ދުވަސް ފަހުންކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އެގޮތުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާއި، އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗަރ ކޮށް، ހަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށެވެ.
ސަރުކާރުން އަމަލުކޮށްފައިވާ ގޮތާމެދު ރައީސް ނަޝީދު އެއްވެސް ވަރަކަށް ހިތްހަމަޖެހިވަޑައިނުގަންނަވާކަން އެމަނިކުފާނުގެ މެސެޖްތަކުން ހާމަވެއެވެ. އެގޮތުން، އެމަނިކުފާނަކީ ވެރިކަން ކުރާ ޕާޓިގެ ރައީސް ކަމަށާއި، އަދި އެމްޑީޕީ ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރެއް ކަމަށާއި، ނަމަވެސް ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ އެމަނިކުފާނާ އަދި ޕާޓީގެ މެމްބަރުންނާ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި، ސަރުކާރުން ޖައްސަވާ ހިސާޞު ބަލައިނުގަނެވޭ ކަމަށާއި، މި ބީދައިން ކަންކަން ހިނގަން މެދުވެރިވަނީ ރައީސުލްޖުމްހޫރިއްޔާ ގާތުން އެކަންތައްތައް ނުބައްލަވާތީ ކަމަށްވެސް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވެއެވެ.
މީގެއިތުރުން، ރާއްޖެ މިދަނީ ދަރާން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް ޕާޓީއާ މަޝްވަރާކުރައްވަން ފެއްޓެވުމަށްވެސް ގޮވާލާފައެވެ. އަދި، އެކަން ނުކޮށްފިނަމަ ސަރުކާރަށް އޮތް އިތުބާރު ގެއްލޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިފަހަކަށް އައިސް ސަރުކާރުގެ ނިންމުންތަކަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ