ބަދަލުގެ ގޮތުގައި އެމްޓީޑީސީން އޮނިކްސް އަށް ރަށެއް!

ސ. ހެރަތެރަ ރިސޯޓް ހިންގި ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން އެޑްވާންސްގެ ގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދެއްކި 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ގެ ބަދަލުގައި ރިސޯޓް ހަދަން އެ ކުންފުންޏަށް ރަށެއް ދީފި އެވެ.
އެނގިފައިވާ ގޮތުގައި ހެރަތެރަ ހިންގުމަށް ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕާ އެކު ޖެނުއަރީ 17، 2011 ގައި އެމްޓީޑީސީން ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސްކޮށް ދެއްކި 6.5 މިލިއަން ޑޮލަރުގެ ބަދަލުގައި، އަމާރީ އަށް ދީފައި ވަނީ ގއ. ހަވޮއްޑާ ކިޔާ ރަށެކެވެ.
އޮނިކްސް އިން ހެރަތެރަ ހިންގަން ފެށިތާ އަހަރެއްހާ ދުވަސް ފަހުން، 546 އެނދުގެ އެ ރިސޯޓް ހިންގަން ބޭނުން ނުވެގެން އެ ކުންފުނި ރިސޯޓް ދޫކޮށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޓީޑީސީ އާއި އަމާރީ ހޮޓެލްސްއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކޮށް ދެ ފަރާތުން މިދިޔަ ހޯމަދުވަހު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ކުންފުނިން އެޑްވާންސްކޮށް ދެއްކި 6.5 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ހައްލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްޓީޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ހެރަތެރަ އާ ގުޅިގެން އިތުރު އެއްވެސް ފައިސާއެއް ދެން ދައްކަން ނުޖެހޭނެ ކަމަށެވެ.
ްސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީން ޔޮޓް ޓުއާޒް އާ ހެރަތެރަ ހިންގަން ހަވާލު ކުރުމުން ދެ ކުންފުނީގެ މެދުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން ކޯޓަށް ގޮސް އެންމެ ފަހުން މައްސަލަ ނިމުނީ ކޯޓުން ބޭރުގައި އެމްޓީޑީސީން ޔޮޓް ޓުއާޒް އަށް 3.5 މިލިއަން ޑޮލަރު ދައްކައިގެންނެވެ.
އެމްޓީޑީސީން މިހާރު ވަނީ ހެރަތެރަ ރަށް ގަނެގެން ނުވަތަ ސަބް ލީސް އެގްރިމަންޓެއްގެ ދަށުން އެ ރިސޯޓް ހިންގުމަށް ޝައިގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ