ދާދި ފަހުން ޢަމަލުކުރަން ފެށި ބޭރުފައިސާގެ އައު ޤަވާއިދަށް އިތުރަށް ބާރެއްދީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުންގެ ޚިޔާލަށް ހުޅުވާލި ޑްރާފްޓް ބިލުގައި ޤަވާއިދުގައި ހިމެނޭ ހުރިހާ ކަމެއްވެސް ހިމެނެއެވެ. އެގޮތުން ބޭރުފައިސާއިން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް އެފައިސާ ޖަމާކުރުން ލާޒިމް ކުރެއެވެ. މީގެ އިތުރަށް މި ބިލުގައި މި ބައި އިތުރަށް ހަރުކަށިކޮށް އިތުރު ވިޔަފާރިތައް ހިމެނުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން ޓުއަރިޒަމް ވިޔަފާރިތައް ފިޔަވާ އެހެން ވިޔަފާރިތަކުންވެސް 20 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ، ރާއްޖޭގެ ބޭންކުތަކަށް ބޭރުފައިސާ ޖަމާކުރަން ލާޒިމްކޮށްފައިވެއެވެ. އަދި މި ފަރާތްތަކަށް ލިބޭ އާމްދަނީގެ 25 އިންސައްތައްއަށް ވުރެ ބޮޑުނުވާ ގޮތަށް ބޭންކުތަކަށް މާރުކުރުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.
ބައެއް ފަރާތްތަކުން ޤަވާއިދުގައި ހިމެނޭ ކަންކަން ބަދަލުކޮށް ލުއިތަކެއް އަލަށް ޑްރާފްޓް ކުރާ ޤާނޫނުގެ ތެރެއިން ދީފައިވާކަމަށް ބުނަމުން ދިޔަ ނަމަވެސް، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރިސޯޓުތަކަށް އަދި ގެސްޓް ހައުސްތަކުން ބޮލަކަށް މާރުކުރަން ޖެހޭ މިންވަރަށް ބަދަލެއް ގެނެސްފައި ނުވެއެވެ.
ބަދަލެއް ގެނެސްފައިވަނީ 50 އެނދަށް ވުރެ ގިނަ އެނދު ހުންނަ ގެސްޓް ހައުސް އަދި ސިޓީ ހޮޓާތަކުން މާރުކުރަން ޖެހޭ މިންވަރު 25 ޑޮލަރަށް ބަދަލު ކުރުމެވެ.
މީގެ އިތުރުންވެސް ޤަވާއިދުގައި ހުރި އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަކޮށްފައިވާ އެހެނިހެން ބައެއް ކަންބޮޑުވުންތަކަށް އަލަށް ޑްރާފްޓް ކޮށްފައިވާ ބިލުގައި ހިމަނާ ލުއިތަކެއް ދޭން ވަނީ ނިންމާފައެވެ.
އެގޮތުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގައި ކޮމްޕްލިމެންޓަރީކޮށް ނުވަތަ ހިލޭ މަޑުކުރާ ފަރާތްތަކަށް ޑޮލަރު މާރުކުރަން ނުޖެހޭނެއެވެ. މީގެ އިތުރުން ދެ އަހަރު ނުވާ ކުޑަކުދިންނާއި 24 ގަޑިއިރު ހޭދަ ނުކުރާ ފަތުރުވެރިންނަށްވެސް ޑޮލަރު މާރުކުރަން ނުޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
މިދިޔަ އޮކްޓޯބަރ މަހު އަމަލުކުރަން ފެށި ބޭރުފައިސާގެ ޤަވާއިދުގެ ދަށުން، ވަކި ވަރެއް މާރުކުރުމަށް ލާޒިމް ކޮށްފައިވާއިރު ޤަވާއިދަށް އަމަލު ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.
އެމްއެމްއޭއިން އަލަށް އެކުލަވާލި ޤަވާއިދުގައި ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.
ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ. އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.
މި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.
ރައީސްގެ ވިދާޅުވުމަށް ބަދަލެއް ނުގެނޭ، ބިލުގައިވެސް ހިމަނާފައިއޮތީ ބޮލަކަށް 500 ޑޮލަރު މާރުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ