ޔާމީން މިނިވަން ކުރެވޭނީ ކޯޓަށް، ރައީސަކަށް އެކަމެއް ނުކުރެއްވޭނެ: އަހްމަދު މުއިއްޒު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކޮންމެ ޕާޓީ އަކަށް މެޖޯރިޓީ ލިބުނަސް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރެވޭނީ ކޯޓަށް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ޕީއެންސީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުވާނެ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމާއި ގުޅިގެންނެވެ.
މިގޮތުން ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ކަމުގައިވާ ނަމަ ސަރުކާރުން ރާވާފައިވަނީ ރައީސް ޔާމީނަށް ދެމުންގެންދާ "އަނިޔާ" ދަމަހައްޓަން ކަމަށާއި، ޝަރީއަތުގައި އޮތް ޔާމީންގެ މަައްސަލަ ހިފެހެއްޓުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ފާޅުކަންބޮޑުގޮތެއްގައި ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. 
މިކަމާއި ގުޅިގެން މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ޕާޓީއަކަށް މެޖޯރިޓީ ލިބުނަސް، ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ރައީސް ޔާމީން މިނިވަން ނުކޮށްދެވޭނެ ކަމަށާއި، އެކަން ކުރުމުގެ ބާރު އޮތީ ކޯޓްގެ އަތް މަތީގައި ކަމަށެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބައެއް ކުށްތަކަށް މައާފު ދެވުނު ނަމަވެސް، ރައީސް ޔާމީން ގެ މައްޗަށް ކޮށްފައިވާ ހުކުމް ނިހާއީ ހުކުމަކަށް ނުވަނީސް ރައީސް ޑރ.މުޢިއްޒު އަށް ރައީސް ޔާމީނަށް މަޢާފެއް ނުދެއްވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކޮށްފައިވާއިރު، މި މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައިއެވެ. އެ ހުކުމް ނިހާއީ ހުކުމަކަށް ވާނީ ހައި ކޯޓުން ހުކުމް އިއްވުމުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކޮށްވާނަމަ ނުވަތަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ގޮތެއް ނިންމުންނެވެ.
ވ.އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އްިވާފައިވާ ރައީސް ޔާމީން މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކުރައްވާފައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވީ ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ