މަޖިލިސް ހިންގަން ޖެހޭގޮތް އެނގޭނީ މަޖިލީހަށް، ސުޕްރީމް ކޯޓަކަށް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ކަނޑައަޅާނީ މެމްބަރުންކަމަށާއި، އިތުރު އެހެން އިދާރާއަކަށް ނުވަތަ މުވައްސަަސާއަކަށް މަސައްކަތްތަކުގެ މައްޗަށް ބަސް ބުނުމުގެ ބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ.
މި މައްސަލައިގައި މިއަދު އަސްލަމް ވިދާޅުވީ މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އެއީ، ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ނިންމައި މަސައްކަތްތައް ގެންދަން ޖެހޭނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށެވެ. އަދި މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ކޯޓު އަމުރަށް އިޚްތިރާމުކުރުމުގެ ގޮތުން މެންބަރުން ގޮތެއް ކަނޑައަޅުއްވަންދެން މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބައްލަވާނެ ކަމަށެވެ.
އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ވެސް ސުޕްރީމް ކޯޓުގެ އަމުރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެއަށް ފަހު މި މައްސަލަ ބެއްލެވި ބެންޗުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އިސްލާހަށް އަމަލު ނުކުރުމަށް ނިންމިއިރު ވަގުތީ އަމުރު ނެރެފައިވާ މި މައްސަލައިގައި ދުސްތޫރީ ބަހުސެއް އުފެދިފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ނިންމުންތަކަށް ބިނާވާ މިފަދަ މައްސަލަތަކުގެ މައްޗަށް ކޯޓުތަކުގެ އިހުތިސާސް ނުހިނގާނެކަމަށް އަސްލަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ