ރައީސް ޔާމީންގެ ކުރީގެ ބައެއް ވަޒީރުންނާ އެކު މައުމޫނު އެއް މޭޒަކަށް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ. ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޕީޕީއެމް އޮފީހުގައި މިއަދު ރައީސް މައުމޫނާ ބައްދަލު ކުރައްވާފައި ވަނީ ރައީސް އޮފީހުގެ ކުރީގެ ވަޒީރު އަބްދުﷲ އަމީނާއި ކުރީގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނެވެ. މީގެތެރެއިން މަލީހު އަދި އަމީނަކީ އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ބައެއް އެހެން ޕާޓީތައްވެސް ހިމެނޭ ގޮތަށް ހަދައިގެން އުޅޭ އެމްއޯޔޫއިން އެކުލަވާލާފައިވާ ޝެޑޯ ކެބިނެޓުގައި ވެސް ހިމެނޭ ވަޒީރުންނެވެ. އެބޭފުޅުން ވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބައެއް ޖަލްސާތަކާއި އެއްވުންތަކުގައިވެސް އިސް ސަފުގައި ބައިވެރިވެ ވަޑައިގެންފައެވެ. ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާއަށް ވަރަށް އަވަހަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. ޕީޕީއެމްގެ ރަސްމީ ޓްވިޓަ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުރީގެ ބައެއް ވަޒީރުންނާ އެކު ރައީސް މައުމޫނު ބޭއްވި ބައްދަލުވުމަކީ މިހާރު ޕީޕީއެމްއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކޮށްލުމަށް މަލީހަށް ގުޅާލުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ. ޕީޕީއެމްގައި ރައީސް މައުމޫނުގެ ފެކްޝަނަކާއި، ރައީސް ޔާމީންގެ ފެކްޝަނެއް އުފެދި ކޮންމެ ބަޔަކުވެސް ވަކާލާތު ކުރަމުންދަނީ އެބޭފުޅުންނަކީ އަސްލު ޕީޕީއެމް ކަމަށެވެ. މަގާމުތަކަށް ބޭއްފުޅުން އައްޔަން ކުރަމުން ދަނީވެސް ކޮންމެ ފެކްޝަނަކުންވެސް ވަކިންނެވެ. ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕީޕީއެމް ހިންގުން ހަވާލު ކުރުމަށެވެ. ނަމަވެސް ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެ ހުކުމް ގަބޫލު ނުކުރައްވާނޭ ކަމަށާއި އެމައްސަލަ އިސްތިއުނާފު ކުރައްވާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ