ސްކޫލް ބަންދާ ގުޅިގެން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް މެރިން ޕޮލިހުން ފަށައިފި

ސްކޫލު ބަންދު އަދި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
އޭގެއިތުރުން މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، ރައްޔިތުން ހަވާލުކުރާ މުދާ ރައްކާތެރިކަމާއެކު އެތަކެތި ގެންދަންޖެހޭ މަންޒިލާހަމައަށް ގެންދިއުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުން ކޮންމެހެން މުހިއްމުކަންވެސް މި ހަރަކާތުގެ ތެރެއިން ފާހަގަކޮށް، އުޅަނދުތަކަށް ޕަސެންޖަރުން އަރުވާފައިވަނީ އެކަށީގެންވާ އަދަދަކަށްތޯ ވެސް މި ހަރަކާތުގެ ތެރެއިން ބަލަމުން ދާނެއެވެ.
އޮޑިދޯނިފަހަރާއި ބޯޓުތަކަށް މުދާ ބަރުކޮށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރަމުންގެންދާނެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ