ބިލް އަނބުރާ ފޮނުވާލީ ގައިދީންގެ ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކުރުމަށްޓަކައި އަނބުރާ ފޮނުވާލީ ގައިދީންގެ ގުނަވަން ހަދަިޔާ ކުރެވޭ ގޮތަށް އެ ބިލްގައި ހިމަނާފައި އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
އެ މަނިކުފާނު އެހެން ވިދާޅުވީ، މިދިޔަ މޭ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖލީހުން ފާސްކުރި ބިލް އަނބުރާ ފޮނުވާލައްވައި، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގަ އެވެ. 
އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނަން އެދިވަޑައިގެން ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ގުނަވަން ހަދިޔާ ނުކުރެވޭނެ ބައެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެ ބިލުގައި ހިމަނާފައިވާ މާއްދާ މަޖިލިހުން އުނިކޮށްފައި ވުމަކީ ބިލް އަނބުރާ ފޮނުއްވައިލެއްވި އެއް ސަބަބު ކަމަށެވެ. ބިލުގައި އެ  ދެ ޝަރުތު ހިމެނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖުބޫރު ކަމެއް ނެތި ރުހުމާ އެކު ހަދިޔާ ކުރުމަކީ ގުނަވަން ހަދިޔާ ކުރުމުގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ މައިގަނޑު ޝަރުތަކަށް ވާތީ އެ ޝަރުތު އެންމެ ފުޅާމިނުގައި ތަންފީޒުކުރަމަށެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބައެއް ކަމުގައި ވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާ އެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރު ކަމެއް ނެތި، ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަަށް ރުހުން ދެވިދާނެ ބައެއް ކަމަކަށް ނުފެނެ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވި އެވެ.
ބަންދުގައި ތިބޭ މީހުންގެ ގުނަވަންތައް ހަދިޔާ ކުރެވޭ ގޮތަށް އޮންނަ މަދު ގައުމުތަކުގައި ވެސް އެކަމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް އޮންނައިރު މަޖިލީހުން ފާސްކުރި ބިލުގައި އެފަދަ އިޖުރާއަތްތައް ކަނޑައަޅާފައި ނެތްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނަން އަނބުރާ ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށް ވުން ހިމެނެ އެވެ. ސިޓީފުޅުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ގިސާސް ހިފުމުގެ ދާއިރާގެ ބޭރުން އަދަބެއް ތަންފީޒު ކުރުމުގެ އިހުތިމާލް، ބިލު މިހާރު އޮތް ގޮތުން އުފެދެ އެވެ. 
އެ ބިލު ގާނޫނަކަށް ވުމުން އަމަލުކުރަން ޖެހޭ ބައެއް ގަވާއިދުތައް، ބިލު ގާނޫނަކަށް ވުމުގެ ކުރިން ހަދައި އަމަލުކުރަން ލާޒިމުވާ ފަދަ ގޮތަަކަށް އޮތުމަކީ ވެސް އެ ބިލު އަނބުރާ ފޮނުއްވައިލެއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ކަންތައްތައް އެހެން ހުުރުމުން އެ ބިލު ތަސްދީގުކޮށް، ގާނޫނެއްގެ ގޮތުގައި ތަންފިީޒުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބިލު އަނބުރާ ފޮނުއްވާލެއްވީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ލަފަޔާ ވެސް އެއްގޮތަށެވެ.
ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަނބުރާ ފޮނުއްވާލެއްވުމުން ބިލު އަލުން ދިރާސާކުރަން އަނބުރާ ކޮމިޓީއަކަށް ފޮނުވުމާ މެދު މަޖިލީހުން ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ މިހާރު ވަނީ ބަހުސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ