ތާރުއެޅުމަށް އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބަންދުކުރަނީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މިރެއިން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ. މިރޭ 00:00 އިން ފެށިގެން ތާރުއެޅުމުގެ އަމަލީ މަސައްކަތް ނިމެންދެން، ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އެއްކޮށް ބަންދުވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އާންމުންގެ ފަސޭހައަކަށްޓަކައި ފުލުހުން ވަނީ ބަންދުވާ ސަރަހައްދު ދައްކައިދޭ ޚާއްސަ ޗާޓެއް ވެސް އާންމުކޮށްފައެވެ. https://x.com/PoliceMv/status/2063166593648181283 މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމަށް ސަރުކާރުން ހިންގާ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސެގްމަންޓް ހަތަރެއްގެ މަސައްކަތްތަކެވެ. މަގުގެ އަޑީގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހެދުމުގެ 52 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދުގެ ނަރުދަމާއާއި ފެނުގެ އާ ކަނެކްޝަންތައް ދީ ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. މި ބޮޑު މަޝްރޫއު ނިމުމުން، މާލޭގެ އުތުރު ފަރާތުގެ މައި ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުތަކަކީ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ، ދުއްވާ އެއްޗެއްސަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ރައްކާތެރި، ޒަމާނީ ފެންވަރުގެ މަގުތަކަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ