ގޫގުލްގެ ސިއްރު މައުލޫމާތު ބޭނުންކޮށް ޕޮލިމާކެޓްގައި ބެޓްކުރި މުވައްޒަފަކަށް ދައުވާކޮށްފި

ގޫގުލްގެ ސޮފްޓްވެއާ އިންޖިނިއަރަކު އެ ކުންފުނީގެ އެތެރޭގެ ސިއްރު މައުލޫމާތުތަކެއް ބޭނުންކޮށްގެން، ޕްރެޑިކްޝަން މާކެޓް ޕްލެޓްފޯމެއް ކަމަށްވާ "ޕޮލިމާކެޓް" ގައި ބެޓްތަކެއް ބަހައްޓައި 1.2 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފިއެވެ. ސްވިޒަލޭންޑްގައި ދިރިއުޅޭ އިޓަލީގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ މިކޭލޭ ސްޕަގްނުއޯލޯގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ގޫގުލްއިން ކޮންމެ އަހަރަކު އާންމުކުރާ, އެންމެ ގިނައިން ސާޗްކުރި މީހުންނާއި ތަކެތީގެ ލިސްޓުގެ ސިއްރު މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މާލީ މަންފާ ހޯދި ކަމުގެ ތުހުމަތުގައެވެ. މިޝެލް ސްޕަގްނުއޯލޯ --- ފައިލް ފޮޓޯ: އޭބީސީ ނިއުޔޯކްގެ ފެޑެރަލް ކޯޓަށް ހުށަހެޅި ޖިނާއީ ޝަކުވާގައިވާ ގޮތުން، ސްޕަގްނުއޯލޯ ވަނީ "އަލްފާރެކޫން"ގެ ނަމުގައި ހަދާފައިވާ އެކައުންޓެއް ބޭނުންކޮށްގެން، ގޫގުލްގެ 2025 ވަނަ އަހަރުގެ "އިޔާ އިން ސާޗް" ލިސްޓާ ގުޅުންހުރި އެކި މާކެޓްތަކުގައި ގާތްގަނޑަކަށް 2.75 މިލިއަން ޑޮލަރުގެ ބެޓްތައް ބަހައްޓާފައެވެ. މީގެ ތެރޭގައި، ގޫގުލްގެ ސިއްރު ޑޭޓާތަކަށް ވަދެ މައުލޫމާތު ހޯދިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، މިދިޔަ އަހަރު އެންމެ ގިނައިން ސާޗްކުރި މީހުންގެ ލިސްޓުގެ ކުރި ހޯދާނީ އިންޑީ ޕޮޕް މިއުޒީޝަން "ދީފޯރޑީ" ކަމަށް ބުނެ އޭނާ ކުރި ބެޓް ކާމިޔާބުވުން ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ސްޕަގްނުއޯލޯގެ މައްޗަށް ކޮމޮޑިޓީސް ފްރޯޑް، ވަޔާ ފްރޯޑް އަދި މަނީ ލޯންޑްރިންގްގެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގައި އެމެރިކާގެ އެޓާނީ ޖޭ ކްލޭޓަން ވިދާޅުވީ ކުންފުނިތަކުގެ އެތެރޭގެ މައުލޫމާތުތައް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަކީ ބާޒާރުގެ އަގު ހިފެހެއްޓުމަށް އޮތް ހުރަހެއް ކަމަށާއި، ދަހިވެތިކަމުން ފުރިގެންވާ މިފަދަ އަމަލުތައް ތަހުގީގުކޮށް ދައުވާ ކުރާނެ ކަމަށެވެ. ގޫގުލްއިން ބުނީ މިއީ ކުންފުނީގެ ސިޔާސަތާ ޚިލާފު ސީރިއަސް މައްސަލައެއް ކަމުން، ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި މިހާރު އޭނާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. ޕޮލިމާކެޓްގެ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާގެ އެޓާނީ އޮފީހާ ގުޅިގެން މި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި، މިއީ އެމެރިކާގައި އިންސައިޑާ ޓްރޭޑިންގްގެ މައްސަލައެއްގައި ޕްރެޑިކްޝަން ޕްލެޓްފޯމެއްގެ އެހީތެރިކަމާއެކު ދައުވާ ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން، މިދިޔަ މަހު އެމެރިކާގެ ސިފައިންގެ މީހަކުވެސް އަސްކަރީ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅޭގޮތުން ޕޮލިމާކެޓްގައި ބެޓްކޮށް 400,000 އަށްވުރެ ގިނަ ޑޮލަރު ހޯދި މައްސަލައެއްގައި ދައުވާ އުފުލާފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ