މާފަންނު ސަހަރާ ސާފުކޮށް، ތަރައްގީކުރަން ނިންމާފައި އޮތީ އާންމުންނަށް ހިތްހަމަޖައްސާލަން ވަދެވޭ މައިޒާނެއްގެ ގޮތުގައި ކަމަށާއި އެ ތަނުގައި ބައިބަލާ ކޯޓެއް ބަޔަކު އަޅަން ފަށާފައި އޮތީ ހުއްދަ ދީގެން ނޫން ކަަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 1990ގެ ފަހުކޮޅުން ފެށިގެން މީހުން ވަޅުލުން ހުއްޓާލާފައި އޮތް މާފަންނު ސަހަރާއިން ގަބުރުތައް ނަގައި ސާފުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.
ރޯދަމަހާ ދިމާކޮށް އެ ސަރަހައްދު ބައިބަލާ ކުޅޭ ތަނެއްގެ ގޮތުގައި ތައްޔާރުކުރަން ދޮންވެލިލައި ވަށައިގެން ވެލިބަސްތާ ޖަހާފައިވާތީ އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތައް ދިވެހިންނެއްގެ ހަށިތަކެއް ވަޅުލާފައިވާ ތަނެއްގެ މަތީގައި ކުޅިވަރު ކުޅެ ހެދުން ކުށްވެރިކޮށް ބައެއް ދީނީ ބޭފުޅުން ވެސް ރޭ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން އެ ކޯޓު ނަގައި އެ ސަރަހައްދު މިއަދު ވަނީ ސާފުކޮށްފަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެކަން ހިނގާފައިވަނީ އޭނާއަށް އެނގިގެން ނޫން ކަމަށާއި އެފަދަ ކަމެއް ކުރަން އެ ސަރަހައްދު ދޫކޮށްފައެއް ވެސް ނުވާނެ ކަމަށެވެ. އެކަން ފާހަގަކުރެވުމާ އެކު އެ ސަރަހައްދުން އެ ތަކެތި ނަގައި ސާފުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޖެހޭނީ ބަލާލަން އެކަން ހިނގާފައި އެ އޮތީ ކިހިނެއްތޯ. ހަމަ ގައިމު ވެސް މޭޔަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުއްދައެއް ދީގެން ކޮށްފައި އޮތް ކަމެއް ނޫން އެއީ. އަދި އެ ތަނުގައި ބައިބަލާ ކުޅުން އެއީ އަޅުގަނޑު ހިތްވަރު ދޭ ވެސް ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
ބައެއް މީހުންނާއި މީޑިއާތަކުން އާޒިމްގެ ބަހެއް ނުހޯދައި އެއީ ސިޓީ ކައުންސިލުން ހުއްދަދީގެން ކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައިވާތީ އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހުސްކުރަން ފެށި މާފަންނު ސަހަރާ އަދިވެސް ސިޓީ ކައުންސިލުން ދަނީ ސާފުކުރަމުންނެވެ. އެ ތަނަކީ ގިނަ ބައެއްގެ ހަށިތައް އަދިވެސް ވަޅުލާފައި ހުންނާނެ ތަނެއް ކަމުން، އެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ކަންކަމަށް ބަލައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުން:
އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިމުމުން އެ ތަން ހާއްސަކުރަން ނިންމާފައިވަނީ ހިތްހަމަޖައްސާލަން އާންމުންނަށް ވަދެވޭ ގޮތަށް ތައްޔާރުކުރާ މައިޒާނެއްގެ ގޮތުގައި
އެ ސަރަހައްދުގެ ވަކި ބައެއް ކުޑަ ޕާކިން ޒޯނަކަށް ވެސް ހާއްސަކުރާނެ
އެކަމަށްޓަަކައި އެ ތަނުގައި ވަޅުލާފައި ހުރި މީހުންގެ ހަށިތައް ދީނީ ހަމަތަކުގެ މަތިން މިހާރު ވާނީ ނަގާފައި
ފާހަގަކޮށްލެވޭ ކަމެއް - ގަބުރުތައް ނަގައިގެން ސަހަރާ ހުސްކުރަން އެންމެ ފުރަތަމަ ފެށުމާ އެކު އޭރު ވެސް ގިނަ ދީނީ އިލުމުވެރިންތަކެއް ކަންބޮޑުވުން ފާޅުކުރި އެެވެ. އެ ސަހަރާގެ ހުޅަނގު ފަރާތުގައި މިހާރު ވެސް ޕާކިން ޒޯނެއް ހަދާފައި އޮވެ އެވެ.
މާފަންނު ސަަހަރާ ހާއްސަކުރަނީ މައިޒާނަކަށް؛ ބައިބަލާ ކުޅެން ހުއްދައެއް ނުދެން: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ