އެވަޓަން ބަލިކޮށް ސިޓީ ހަތަރުވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެވަަޓަން ބަލިކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފު ހީކުރިގޮތާ ހިލާފަށް އެހާ ފޯރިގަދައެއް ނޫނެވެ. ސިޓީން ހާފު ޑޮމިނޭޓްކުރި ނަމަވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެވަޓަންގެ ޑިފެންސުން ފެނުނީ ވަރަށް ރޭވުންތެރިކަމާ އެކު ޑިފެންޑްކުރަމުން އައި ތަނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެވަޓަންއިން ނުރައްކާތެރި ދެތިން ހަމަލާ އުފައްދައި ސިޓީ ހާސްކޮށްލި ނަމަވެސް މާ ގިނައިރުތަކެއްނުވެ، ސިޓީން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. ސިޓީން މެޗުގެ ލީޑު ނެގީ 84 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ނީކޯ އޯރައިލީ ޖަހައިދިން ލަނޑުންނެވެ. އޭގެ ފަހުން، ބަދަލު ކުޅުންތެރިޔާ މެޓިއޯ ކޮވަސިޗް ވަނީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދީ ތިން ޕޮއިންޓު ޔަގީންކޮށްދީފައެވެ. މި ކާމިޔާބީއާ އެކު ސިޓީ މިހާރު ވަނީ 33 މެޗުން ލިބިފައިވާ 58 ޕޮއިންޓާ އެކު ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ކުރާ އުންމީދު ދަމަހައްޓާފައެވެ. ސިޓީ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އެސްޓަން ވިލާއާ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކުރެވިއްޖެނަމަ އެ ޓީމުން ކުރާ މި އުންމީދު އިތުރަށް ހަރުދަނާކުރުމުގެ ފުރުސަތު ލިބޭނެއެވެ. ރޭގެ މެޗުން ބަލިވުމުން އެވަޓަން އޮތީ 38 ޕޮއިންޓާ އެކު 13 ވަނައިގައެވެ. މުބާރާތުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު ކްރިސްޓަލް ޕެލަސްއާއި ބޯންމޯތު ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވީއިރު ވެސްޓް ހާމް ޔުނައިޓެޑައި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ