ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓަރީއެއް ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމުގެ މަސައްކަތްކުރުމާއި ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށާއި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިން ޕްލާންޓްތައް 2027 ގެ ކުރީކޮޅު ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް ކަމަށާއި މުލައް އަދި ކޫއްޑޫގެ މަޝްރޫއަށް ފަންޑު ކުރަނީ ސައުދީ ފަންޑުން ކަމަށެވެ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި،ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީއެއް ކަމަށާއި ފިޔޯރީއާއި ފ. ނިލަންދޫ މަޝްރޫއަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން ކަމަށެވެ.
ހަބަރު: ސަރުކާރު
ހުޅުމާލޭގައި ހަދާ ބޮޑު ކަންނެލި ފެކްޓަރީގެ މަސައްކަތް މި އަހަރު ފަށައި އަންނަ އަހަރު ނިމޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ