ޤުރްއާނުގަ ހުރި ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް ސަމާލުކަންދޭ މީހަކު އަނބިމީހާ ވަރިކުރުމާއެކު ގެއިން ނެރެ ބޭރުކޮށެއް ނުލާނެ!

ތެދެކެވެ. ވަރިކުރުން ހުއްދައެވެ. ވަރިވުންވެސް ހުއްދައެވެ. ނަމަވެސް ޝަރުޠުތަކަކާއިއެކުގައެވެ. މިބުނަނީ ކައިވެނި ރޫޅައިލަންޖެހޭނީ ޝަރުޠުތައް ފުރިހަމަކޮށްފައެވެ. އަދި ވަރިކުރުމަށްފަހުގައިވެސް ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ހުރެއެވެ. އިސްލާމް ދީނަށް ފާޑުކިޔާމުން އެކަން ކުރަނީ ޤުރްއާނާއި ސުންނަތަށް ބެލުމެއްނެތިއެވެ. ބަލާނަމަ މިކަންކަން އެނގޭނެއެވެ.  
ވަރަށް ގިނައިން އިވޭ އަޑެކެވެ. "މުސްލިމުންގެ މެދުގައި ވަރި ގިނަވަނީ ވަރިކުރެވެން އޮންނަލެއް ފަސޭހަކަމުންނެވެ!" މިއީ ވަރަށް ބޮޑު ދޮގެކެވެ. އިސްލާމް ދީނުގައި ވަރިކުރަން ނުވަތަ ކައިވެނި ރޫޅައިލަން ޢަމަލުކުރަންހުރި ކަންކަން ފުރިހަމަކޮށްގެން ވަރިކުރާނަމަ އެއީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ވަރިކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މަރުޙަލާތައް ފުރިހަމަކުރާނަމަ ވަރި ވަރަށް މަދުވާނެއެވެ.  
ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަ ދެމަފިރިންނަށް ޙައްލުނުކުރެވޭނަމަ ޢާއިލާގެ މީހުން، ގާތް އެކުވެރިން، ޢިލްމުވެރިން މެދުވެރިކޮށްގެން މައްސަލަ ޙައްލުކުރަން މަސައްކަތްކުރަން އޮތްއިރު އެކަންކަން ފުރިހަމަކުރަނީ ހާދަމަދު މީހެކެވެ. އަންނަ ރުޅިމަތީގައި ވަރިބަސްބުނެ ވަރިކޮށް ކަންކަން ނިންމައިލަނީއެވެ.  
އަދި ކީއްހެއްޔެވެ؟ އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ވަރިކުރުމާއިއެކު އަނބިމީހާ ގެއިން ނެރެލައި މަގުމަތިކޮށްލާ ކަމުގެ ޝަކުވާއެވެ. އެކަން އެކުރަނީ ކަނޑައެޅިގެން ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ބެލުމެއް ނެތިއެވެ.  
"އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދަ އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް، ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ."
(އައްޠަލާޤް: 1)  
މިއާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައި ވަނިކޮށް ވަރިކޮށްލައި ވަޤުތުން ގެއިން ނެރެލެވޭނީ ކިހިނަކުން ހެއްޔެވެ؟  ދެން މިއާޔަތަށް ބަލާށެވެ!  
"ފަހެ، އެކަނބަލުންގެ ޢިއްދަ ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި ރުޖޫޢަކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލު ވެރި ދެމީހުން ހެކިކުރާށެވެ! އަދި ﷲ އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞީޙަތް ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި ﷲ އަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ".
(އައްޠަލާޤް: 2)  
ވަރަށް ކެރިހުރެގެން ބުނަމެވެ. ވަރިކުރެވުނަސް މި 2 އާޔަތަށް ޢަމަލުކޮށްފިނަމަ ކައިވެނި ރުޖޫޢަ ނުކުރާނީ މަދުބައެކެވެ. އެހެނީ މި 2 އާޔަތަށް ޢަމަލުކޮށްފިނަމަ ޖެހުނު މައްސަލަ އޮންނާނީ ޙައްލުކުރެވިފައެވެ. ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް އޮންނާނީ ލޯބިޖެހިފައެވެ.  
ވީމާ ވަރިގިނަވަނީ ދީނުގައި އޮތް މައްސަލައަކުން ކަމަށް ހަދަން ނުއުޅޭށެވެ! ޙަޤީޤަތަކީ ދީނުގައި އޮތް ގޮތަށް ޢަމަލުނުކޮށް އަމިއްލައަމިއްލައަށް ޙުކުމްތައް ނެރެގެން ކަންކަންކުރާކަމެވެ. އިސްލާމް ދީނުގައި ވަރިހުއްދަކުރައްވަވާފައިވަނީ ހިތަށް އަރާއިރަށް ވަރިކުރާކަށް ނޫނެވެ. ދެން އެހެން ގޮތެއް ނެތުމުން އެކަންކުރާށެވެ! ވީމާ މިކަންކަން އަމިއްލަ ފައިދާއަށް އޮޅުވާލައި ދީނުގެ ބޮލުގައި އެކަންކަން ނުއަޅުވާށެވެ. ދީނަށް ޢަމަލުކުރާށެވެ! އެއިރުން ކަންކަން ދާނީ ރަނގަޅު ގޮތުގައި ޙައްލުވަމުންނެވެ. ﷲ ތަޢާލާގެ ދީނަށްވުރެ ފުރިހަމަ ގޮތްތަކެއް ހަމައެކަކަށްވެސް ނުނެރެވޭނެއެވެ. މުޅި ދުނިޔެ އެކުވިޔަސް އެކަމެއް ނުކުރެވޭނެއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ