150 މެގަވޮޓުގެ ސޯލަރ ޤާއިމުކުރުމުގެ މަޝްރޫޢާއެކު މާލެ ސަރަހައްދަށް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މި މަޝްރޫޢު ނިމުމުން ދުވާލަކު 7 ނުވަތަ 8 ގަޑިއިރު އިންޖީނު ނިއްވާލައިގެން، ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ."ސޯލަރ މަޝްރޫޢު ނިމުމުގެ ކުރިން އިންޖީނު ނިއްވާލައިގެން ކަރަންޓު ދިނުމުގެ މަގު ފަހިކުރުމަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް" ފަހުމީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ރޯދަމަހަށްފަހު ފެށި، އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ސްމާޓް މީޓަރު ހަރުކުރުމުން އެކި ވަގުތުތަކުގައި ތެލުންނާއި އިރުގެ އަލިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނެ ކަމަށާއި، އަދި ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ނިންމަވާފައެވެ. މިއީ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ ވަޢުދާ އެއްގޮތަށް ކުރެވޭ މަސައްކަތެކެވެ.މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ސޯލަރ މަޝްރޫޢާއެކު މާލެ ސަރަހައްދަށް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވޭނެ: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ