ޕާކެއް ކައިރިން ހިނގާފައިދިއަ 3 ޒުވާނުންނަށް އެތަނަށް ވެއްޓިފައި އޮތް ރަން ކެވެލިކޮޅެއް ފެނުނެވެ. އެއް ކުއްޖަކު އެ ނެގިއެވެ. 2 ކުދިން ބޭނުންވީ އެހިފައިގެންދާށެވެ. ވިއްކާލުމުން ލިބޭ ފައިސާ މަޖާކޮށްލަން ބޭނުންކުރާށެވެ. 3 ވަނަ ކުއްޖާ އެކަމަށް ދެކޮޅުހެދިއެވެ. ބުންޏެވެ. "ތިއަ ހިފައިގެން މިތަނުގައި މަޑުކުރަމާ ހިނގާށެވެ. ވެރިމީހާއަށް ގެއްލުނުކަން އެނގުމުން ހޯދަމުން އައުމަކީ އެކަށީގެންވާ ކަމެކެވެ. މީހެއްގެ އެއްޗެއް ވިއްކާލައި ފައިށާ ބޭނުންކުރުމަކީ ވައްކަން ކުރުން ފަދަ ކަމެކެވެ. އަހުރެމެން މިކުރާ ކަންކަމާއި ދައްކާ ވާހަކަ ﷲ ތަޢާލާ އަޑުއައްސަވައިވޮޑިގެންވެއެވެ. މިއަދު އަދަބުނުލިބުނަސް މާތް ﷲ ގެ ޢަޛާބާއި ކުރިމަތިލާންޖެހޭނެ ދުވަސް އަންނާނެއެވެ."
އަނެއް ދެ ކުދިން އޭނާގެ ވާހަކައަޑުއަހަން ބޭނުންނުވެ ކެވެލިކޮޅު ހިފައިގެން ދާންފެށުމުން އަނެއް ކުއްޖާ ބުނީ އެމީހުންނާއިއެކުގައި ނުދާނެ ކަމަށެވެ. އޭނާ އެނބުރިދާނީ އައިކޮޅަށް ކަމަށެވެ.
އެވަޤުތު ޒުވާން އަންހެންކުއްޖަކާއި ފިރިހެނަކު އައިސް އެސަރަޙައްދު ހޯދަން ފެށުމުން އެކުއްޖާ ސުވާލުކުރިއެވެ. ތިއަހޯދަނީ ކޮންއެއްޗެއް ހެއްޔެވެ؟ ހޯދަނީ އަންހެންކުއްޖާގެ ފައިގައި އޮތް ކެވެލިކޮޅު ކަމަށްބުނުމުން އެކުއްޖާ ބުންޏެވެ. "އެތިބަދާ ދެކުދިން އެދަނީ އެހިފައިގެންނެވެ." އެހން ބުނެފައި ކަންތައްވީގޮތް ކިޔައިދިނެވެ."
ފިރިހެން މީހާ ބާރަށް ހިނގާފައި ގޮސް ކެވެލިކޮޅު ދޭން ބުނުމުން އެ ނުގެންދާ ކަމަށާއި މިއަންނަނީ އެތަނަށް އެއްލާލާފައިކަމަށް ބުންޏެވެ. "ތިއަ ދައްކާ ވާހަކައިގެ ދޮގުތެދު މާތް ﷲ ދެނެވޮޑިގެންވެއެވެ."
އެހެންބުނެފައި އެނބުރިގޮސް ދަރިފުޅު ގާތުގައި ބުންޏެވެ. "އެކެވެލިކޮޅު ހޯދަން ދެން އުޅޭނެ ކަމެއް ނެތެވެ. މިރޭ ބާޒާރަށް ގޮސް ކެވެލިކޮޅެއް ގަންނާނީއެވެ." އެހެން ބުނެފައި ޒުވާނާއަށް އޭނާގެ އެދްރެސްކާޑު ދީފައި އޮފީހުން ބައްދަލުކޮށްލަން ބުނެފައި އެދެބަފައިން ދިއައީއެވެ.
އަނެއްދުވަހު ޒުވާނާ ގޮސް ބައްދަލުކުރުމުން ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ޒުވާނާގެ ވަނަވަރު އޮޅުންފިލުވުމަށްފަހު ބުންޏެވެ. "މިއީ އަހަރެންގެ އަމިއްލަ ކުންފުންޏެކެވެ. ބޭނުންނަމަ ރަނގަޅު ވަޒީފާއެއް ދީފާނަމެވެ. ނޫނީ ހަދިޔާއެއްވެސް ދިފާނަމެވެ." ބޭނުމީ ވަޒީފާއެއް ކަމަށް ޒުވާނާ ބޭނުމުން އެޗްއާރު މެނޭޖަރެއްގެ ވަޒީފާދިނެވެ. އެއީ ޒުވާނާ ކިޔަވައިގެންހުރީ އެދާއިރާއިން ކަމަށްވާތީއެވެ.
ދުވަސްކޮޅެއްފަހުން ކުންފުނިން ހިންގާ ފިހާރަތަކަށް ކޭޝިޔަރުން ބޭނުންވެގެން ނޫހުގައި ޖެހުމުން ގިނަ ޢަދަދެއްގެ ޒުވާނުން ކުރިމަތިލިއެވެ. އެއިގެ ތެރޭގައި އޭނާގެ 2 އެކުވެރިންވެސް ހިމެނެއެވެ. ކުރިމަތިލި ހުރިހާ ކެންޑީޑޭޓުންނާއި ބައްދަލުކުރިއިރު އެ 2 އެކުވެރިންނާއިވެސް ބައްދަލުކުރިއެވެ.
ދެ އެކުވެރިންނަށް އެމީހުންގެ އެކުވެރިޔާ އެހައި ބޮޑު މަޤާމެއްގައި އިންދާ ފެނުމުން ސިއްސައިގެންދިއައެވެ. އަދި 2 އެކުވެރިންނަށް ވަޒީފާދޭނެކަން ޔަޤީންކުރާ ކަމަށްވެސް ބުންޏެވެ. އެކުވެރިޔާ ބުންޏެވެ. "ވަޒީފާދޭން ކިތަންމެހައިވެސް ބޭނުމެވެ. ނަމަވެސް މިތަނަކީ އެދުވަހު ކެވެލިކޮޅެއް ވިއްކާލުމުން ލިބޭނެ ފައިސާކޮޅުގެ ދަހިވެތިކަމުގައި ކަލޭމެން ދޮގުހެދި މީހާގެ ތަނެކެވެ. މިދައްކާ ވާހަކަތައް ބޮސްއަސް އަޑު ނުއިވޭނެ ކަމެއް ނުއެނގެއެވެ. ކެމެރާއަށް ބަލަން އިންނަމަ ކަލޭމެން ފެންނާނެއެވެ. މިދައްކާ ވާހަކަ އަޑުވެސް އިވޭނެއެވެ. ދެން ނިކަން ބުނެބަލާށެވެ! އެކުވެރިންނަށްވީތީ އެހީތެރިވާން ބޭނުންވިނަމަވެސް އެކަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟" އެހެން ބުނެފައި އޭނާއަށް ވަޒީފާ ލިބުނު ގޮތްވެސް ކިޔައިދިނެވެ. ބުންޏެވެ. "ދެން އަހަރެންނާއި ބައްދަލުކުރަން މަސައްކަތްނުކުރާށެވެ! ކަލޭމެންނާއިއެކު އުޅޭކަން ބޮސްއަށް އެނގުނަސް ވަޒީފާ ގެއްލިދާނެއެވެ. އެއީ ވަގުންނާއިއެކު އުޅޭނީ ވަގުންކަމަށް ޤަބޫލުކުރެވޭނެތީއެވެ." އެެހން ބުނުމުން ދެ އެކުވެރިންނަށް ޖެހުނީ ދެރަވެގެން ތިބެ ނުކުމެގެންދާށެވެ.
ހާދިސާއިން ޙާޞިލްކުރަންޖެހޭ ޢިބްރަތް:
ލިބިދާނެ ކުޑަ ނުވަތަ ގިނަ ފައިދާއެއްގެ ދަހިވެތިކަމުގައިވެސް ވައްކަްނނުކުރާށެވެ. މަކަރުނުހަދާށެވެ. އެކަމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ވަގުންގެ ގޮތުގައި ފަޟީޙަތްވާންޖެހުމެވެ. މިޙާދިށާގައި މެދުވެރިވި ފަދަ ކަންކަން ކުރިމަތިވުމެވެ. އަދި ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ތެދުވެރިވާނަމަ ހަމަ މިޙާދިސާގައި ތެދުވެރިވި ޒުވާނާއަށް މެދުވެރިވިފަދަ ރަނގަޅު ގޮތްތައްވެސް މެދުވެރިވާނެއެވެ. އިން ޝާ ﷲ
ހިތާމައަކީ މިފަދަ ކަންކަން ގިނަ ބައަކަށް މިއަދު ޤަބޫލުނުކުރެވޭ ކަމެވެ. ލިބެން އޮންނަ ކުޑަކުޑަ ފައިދާއެއް ލިބިގަތުމުގެ ބޭނުމުގައި ޚިޔާނާތްތެރިވެވޭކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- ޢިބްރަތްތެރި ވާހަކަ
ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް މީހެއްގެ އެއްޗެއް ބޭނުންކުރަން އެއްބަސްނުވި ޒުވާނަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ