ޕާކިސްތާނުގައި ހައިޖެކްކުރި ރޭލެއްގައިތިބި 155 މީހަކު ސަލާމަތްކޮށްފި

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ހައިޖެކްކުރި ރޭލެއްގެ ތެރޭގައިތިބި 155 ފަސިންޖަރުން ސަލާމަތްކޮށްފައިވާ ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެފިއެވެ. ނަމަވެސް އަދިވެސް އެތައް ބަޔަކު ރަހީނުކޮށްފައިތިބި ކަމަށާއި އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. ބަލޫޗިސްތާނުގެ ވެރިރަށް ކުއެތާއިން ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ޕެޝަވާރަށް ދަތުރުކުރަމުން ދަނިކޮށް ހަނގުރާމަވެރިން އެ ރޭލު ހައިޖެކް ކުރީ ވަނީ ރޭލު ދަނގަޑެއް ގޮއްވާލައި، ރޭލަށް ބަޑިޖަހާފައެވެ. ނަސްލީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގައި، ބަލޫޗް ސިޔާސީ ގައިދީންނާއި އެކްޓިވިސްޓުންނާއި އަސްކަރިއްޔާއިން ވަގަށް ނަގާފައިވާ ކަމަށް ބުނާ މީހުން 48 ގަޑިއިރުގެ ތެރޭގައި ދޫކޮށްނުލައިފިނަމަ. ރަހީނު ކުރަން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. ހަނގުރާމަވެރިން ވަނީ ރަހީނުކޮށްފައިވާ ބައެއް މީހުންގެ ކައިރީގައި "ސުއިސައިޑް ޖެކެޓް" އަޅައިގެން ތިބި ބޮން ގޮއްވާ މީހުން ބައިތިއްބާފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބީއެލްއޭ އިން އަންގާރަ ދުވަހު ބުނީ 214 މީހުން ރަހީނުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭލަށް ހަމަލާދިންއިރު، 425 ފަސިންޖަރުން ތިއްބެވެ. އެ ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިންގެ އަދަދު ސާފެއް ނުވެއެވެ. ސަލާމަތީ މަސްދަރުތަކުން ބުދަ ދުވަހު ބުނީ މިހާތަނަށް 27 މީހަކު މަރުވެފައިވާ ކަމަށެވެ. އަފްޣާނިސްތާނާއި އީރާނާ ގުޅިފައިވާ މައުދަނުން މުއްސަނދި ޕްރޮވިންސް، ބަލޫޗިސްތާންގައި ޕާކިސްތާނުގެ ސަރުކާރާ ހަނގުރާމަކުރާ ބައެއް ނަސްލީ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ބީއެލްއޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ