ބެލްގްރޭޑް، ސާބިއާ (ޖޫން 18) - ކެރިއަރުގައި ދެން އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި ސިކުނޑީގައި އޮތީ 2028 ވަނަ އަހަރު، ލޮސް އެންޖެލްސްގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިސް ފިރިހެން އިވެންޓުން ރަން މެޑަލް ދިފާއުކުރުން ކަމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.
މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގައި ޖޮކޮވިޗް، 38، ވަނީ ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް ފުރަތަމަ ފަަހަރަށް އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑްސްލޭމް މުބާރާތްތަކުން، 24 ތަށި ހޯދާފައިވާ ޖޮކޮވިޗް އޮތީ އެ ކާމިޔާބީން ޓެނިހުގެ ތާރީހުގައި ވެސް ރެކޯޑަކާ ގާތުގަ އެވެ. މި ވަގުތު ޖޮކޮވިޗާއި ލެޖެންޑަރީ ކުޅުންތެރިޔާ، މަގަރެޓް ކޯޓު ވަނީ 24 ތަށި ހޯދައިފަ އެވެ. އިތުރު ގްރޭންޑް ސްލޭމެއް ކާމިޔާބުކޮށް، ތާރީހުގައި ވެސް ހާއްސަ ރެކޯޑެއް ހޯދުމުގެ ފުރުސަތު އޮތް ޖޮކޮވިޗް ވަނީ އެ ކަމާ ނުވިސްނާ ކަމަށް ބުނެފަ އެވެ.
"އަހަންނަށް މޮޓިވޭޝަނެއް ލިބި ޓާގެޓެއް ކަނޑައެޅުމުގައި މި ވަގުތު ސިކުނޑީގައި ހުރީ 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި އޮތް އޮލިމްޕިކްސް (އިން ރަން މެޑަލް ހޯދުން). ގްރޭންޑް ސްލޭމަށް ވުރެން ވެސް އަހަރެންގެ ވިސްނުމުގައި ބޮަޑަށް އޮތީ ހަމަ އޮލިމްޕިކްސް،" ކްރޮއޭޝިއާގެ ފުޓްބޯޅަ ކޯޗު، ސްލަވެން ބިލިޗާ އެކު ކުރިއަށްގެންދިޔަ އިންޓަވިއުއެއްގައި ޖޮކޮވިޗް ބުންޏެވެ.
ލޮސް އެންޖެލްސްގައި، 2028 ވަނަ އަހަރު އޮލިމްޕިކްސް ކުރިއަށްދާއިރު، ޖޮކޮވިޗަށް 41 އަަހަރު ފުރޭނެ އެވެ.
މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ސެމީ ފައިނަލުގައި ވެސް ޖޮކޮވިޗަށް ނާކާމިޔާބުވީ ދުނިޔޭގެ އެއް ވަނަ ޖަނިކް ސިނާ އަތުންނެވެ. ފްރެންޗް އޯޕަންގައި ސިނާ އަތުން ބަލިވި މެޗަށް ފަހު، ޖޮކޮވިޗް ވަނީ އެއީ އެ މުބާރާތުގައި އޭނާ ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
ޖެނީވާ އޯޕަން ކާމިޔާބުކޮށް، ޖޮކޮވިޗް ވަނީ ކެރިއަރުގައި، 100 ވަނަ އޭޓީޕީ ޓެނިސް މުބާރާތުގެ ތަށި އުފުލާލައި ތާރީހުން ޖާގަ ހޯދައިފަ އެވެ. ޖޮކޮވިޗަކީ ޓެނިހުގެ އޯޕަން އިރާގައި 100 އޭޓީޕީ ސިންގަލްސް ތަށި ހާސިލްކުރާ ތިން ވަނަ ކުޅުންތެރިޔާ އެވެ. ޖޮކޮވިޗްގެ ކުރިން، ޓެނިހުގެ އޯޕަން އެރާގައި 100 އޭޓީޕީ ތަށި ހަމަކުރީ، ރޮޖާ ފެޑެރާ އާއި ޖިމީ ކޮނާސް އެވެ.
ޖޮކޮވިޗްގެ ބޮޑު ޓާގެޓަކަށް އޮތީ އޮލިމްޕިކް ރަން މެޑަލް ދިފާއުކުރުން ޖޮކޮވިޗްގެ ބޮޑު ޓާގެޓަކަށް އޮތީ އޮލިމްޕިކް ރަން މެޑަލް ދިފާއުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ