މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓޭނެ އުސޫލެއް އެކުލަވާލަނީ

މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓޭނެ އުސޫލެއް އެކުލަވާލަން ނިންމަވާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރައްވާފައިވަނީ މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ގިނަ އަދަދެއްގެ ޖަމްޢިއްޔާތަކުން އެދެމުންދާކަން ފާހަގަކުރައްވާ ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދެމުންދާ މިންވަރު މިހާރު ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމާ ބެހޭގޮތުން އުސޫލެއް އޮތުން މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދަ އުސޫލެއް އެކުލަވާލުމަށް ވުޒާރާއިން ނިންމަވާފައިވާ ކަމަށެވެ.
ވަޒީރު ޑރ.ޝަހީމް ވިދާޅުވީ އަލަށް އެކުލަވާލެވޭ މިއުސޫލުގައި މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ހުއްދަދެވޭނީ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހެޅުމުންކަން ބަޔާންކުރެވޭނެ ކަމަށެވެ. އަދި ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރި ގޮތުގެ ތަފުސީލާއި އޮޑިޓު ރިޕޯޓު ހުށައެޅުމުންކަންވެސް އުސޫލުގައި ބަޔާންކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި އުސޫލު ހަދާނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ.
މި ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާޢީލުގެ ނިރުބަވެރިން ފަލަސްޠީނަށް ދެމުންގެންދިޔަ ޙަމަލާތަކުގެ ސަބަބުން ހާލުގައި ޖެހުނު އެ ޤައުމުގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިގެން ފައިސާ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ