ކިތަންމެ ގިނަ ފައިސާ ލިބުނަސް އަދި ކިތަންމެ މަތީ މަޤާމެއް ލިބުނަސް ހިތެއް ނުފުރެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންވެސް މަތީ މަޤާމާއި ދަރަޖަ ބޭނުންވެއެވެ. އަދި އެންމެ މަތީ ދަރަޖަ ލިބުމުން ތަނަވަސްކަން އިތުރުކުރަން ބޭނުންވެއެވެ. މި ކަމުން އެނގެނީ ކިތަންމެ ގިނަ ފައިސާ ލިބުނަސް އަދި ކިތަންމެ މަތީ މަޤާމާއި ދަރަޖަ ލިބުނަސް އެމީހެއްގެ ހިތް ނުފުރޭކަމެވެ.
ހިތްފުރެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ވަކީލްކުރާ މީހަކަށްވަމާހިނގާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ޘަވާބާއި ހެޔޮކަން މާބޮޑުވީމައެވެ. އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިވާނަމަ އެފުރުޞަތު އެމީހަކަށް ގެއްލިގެންދެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ފަހެ، ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އީމާންވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާމީހުންނަށް، ﷲ ގެ ޙަޟްރަތުގައިވާ ޘަވާބު ހެޔޮކަންބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ." (އައްޝޫރާ: 36)
މިއާޔަތުން އެނގިގެންދަނީ ކިތަންމެ ބޮޑު ތަނަވަސްކަމެއް އަދި އެނޫންވެސް ނިޢްމަތަކަށްވުރެ ﷲ ތަޢާލާއަށް ވަކީލްކުރާމީހުންނަށް، ﷲ ގެ ޙަޟްރަތުގައިވާ ޘަވާބު ހެޔޮކަން މާބޮޑުކަމެވެ. އަދި ދުނިޔޭގައި ދެއްވަވާ ކޮންމެ ނިޢްމަތަކީ އެމީހަކާއި ވަކިވެ ގެއްލިގެންދާނެ އެއްޗެއްކަމާއި އަދި ދެމިހުންނާނީ އާޚިރަތް ދުވަހު ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ކަމެވެ.
ވީމާ މީހަކަށް ނުވަތަ ބައަކަށް ލިބިފައިވާ ތަނަވަސްކަން ނުވަތަ އެނޫންވެސް ނިޢްމަތްތަކަށް ޙަސަދަވެރިނުވާށެވެ. ތިމާއަށް ދެއްވެވި މިންވަރަށް ޝުކުރުކުރާ މީހަކަށްވާށެވެ! ޝުކުރުވެރިވެވޭނީ ވަކީލްކުރާ އަޅުންނަށެވެ.
ވިސްނައިލާށެވެ! "-- އީމާންވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލްކުރާމީހުންނަށް، ﷲ ގެ ޙަޟްރަތުގައިވާ ޘަވާބު ހެޔޮކަންބޮޑު" ކަމަށާއި އެއިގެ އިތުރުން "އަދި ދެމިހުރުން ބޮޑު" ކަމަށް އޮތް ވަޙީ ބަސްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިވުމުން ގެއްލިގެންދާ އެންމެ ބޮޑު ފުރުޞަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ