ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާ އެކު މަރުވެއްޖެ އެވެ. އެ ރަށުގެ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ބޭނުންވާ ފަރުވާ އެކަށީގެންވާ ވަގުތަކު ނުލިބުނެވެ.
ވީ ކިހިނެއް؟- ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ނުހިނގާ މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ.
ތަފްސީލު: 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ދަރިފުޅު ނެގީ ސިޒޭރިއަން ހެދުމަށް ފަހު އިއްޔެ ހެނދުނެވެ. އެކަމަކު އެ އޮޕަރޭޝަނަށް ފަހު ޝިއުނާ ހޭނާރާ ކަމަށް އެ މީހާ ބުންޏެވެ.
ރެއާ ހަމައަށް ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.
ދެމައިންގެ ހާލު ސީރިއަސްވެ ވީހާވެސް އަވަހަަކަށް މާލެ ގެންދަން ޖެހުނަސް އެކަން ދިޔައީ ލަސްވަމުންނެވެ. އެހެންވެ ވިލިނގިލީ ބައެއް މީހުން ވަނީ އަތޮޅު ހޮސްޕިޓަލަށް އެއްވެ އަޑުއުފުލައިފަ އެވެ.
ދެމައިން މާލެ ގެންދިޔުމުގެ މަސައްކަތް ފެށީ ރޭ ވަރަށް ލަސްވި ފަހުންނެވެ.
އެނގިފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން، ރޭ 11 ޖަހާކަންހާއިރު ޝިއުނާ ކޫއްޑުއަށް ގެންދިޔަ އެވެ. އެކަމަކު މާލެ ފުރުވާނުލެވި އުޅެނިކޮށް، އިރުކޮޅެއް ފަހުން އެ ރަށުގައި އޭނާ މަރުވީ އެވެ.
ޝިއުނާގެ ދަރިފުޅު ރޭ މާލެ ގެނަ އެވެ. ނަމަވެސް ފުރާނަ ސަލާމަތްނުކުރެވި ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
އެރަށުން ވާހަކަދެއްކި މީހުން ބުނިގޮތުގައި އިތުރު ފަރުވާއަށް އަވަހަށް މާލެ ފުރުވާލެވުނު ނަމަ، ދެމައިންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވީހެވެ.
ދެމައިންގެ މަރާ އެކު، ވިލިނގިލީ ކައުންސިލް މެމްބަރު ޝީބާ އަހުމަދު ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައްވައިފަ އެވެ.
ތުހުމަތުގެ އިނގިލި އޭނާ ވެސް ދިއްކުރެއްވީ ލިބެން ޖެހޭ ވަގުތު އެކަށީގެންވާ ފަރުވާ ނުލިބުމާ އެކު ވިލިނިގިލީ ހޮސްޕިޓަލަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެމައިން މަރުވީ، މާބަނޑު މީހަކަށް ބޭނުންވާ ފަރުވާ ހޮސްޕިޓަލުން ނުލިބި ގިނައިރުވެ، އަދި އެއާ އެމްބިއުލާންސްގައި މަންމަ އާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުގެ ސަބަބުންނެވެ. މިއީ ހަމައެކަނި އިއްޔެއަކު ހިނގި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ތުއްތު ދެ ދަރިންނާއި ފިރިމީހާ އަދި އާއިލާއާ އެ ދެ ފުރާނަ ވަކިވެގެން ދާން ޖެހުނީ، ސިއްހީ ނިޒާމް ފެއިލްވެފައިވާތީ. ކޮންމެ އިހުމާލަކީ އަނިޔާއެއް. ފޫނުބެއްދޭވަރުގެ ގެއްލުމެއް،" ފޭސްބުކްގައި ޝީބާ ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާ ލަސްވެ، މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުކޮށް ދިމާވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތަށްއަރަނީ ކީއްވެހޭ އަތޮޅު ހޮސްޕިޓަލް ނަން ބޯޑު އަޅުވާފައި މި ހުންނަނީ،" ޝީބާ ވިދާޅުވި އެވެ.
މި ހާދިސާއާ ބެހޭ ގޮތުން އަތޮޅު ހޮސްޕިޓަލުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ވިހާފައި ދަރިފުޅާއި މަންމަ މަރުވެއްޖެ: ފަރުވާ ލަސްވި ކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ