ޑްރަގް ކޯޓުގެ ގާޒީ ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.ޖޭއެސްސީ އިން މިއަދު އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި، އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، ޖޭއެސްސީއަށް ޤާޟީ މުޙައްމަދު ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމާއި، އަދި ދިފާޢީ ވަކީލުން ކުށްވެރިކޮށް، އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކޮށް، ވާހަކަދައްކާފައިވާކަން ސާބިތުވާ ކަމަށެވެ.ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ 7 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.1 ވަނަ ނަންބަރާއި، 2.2 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، އަދި 4.10 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.އެހެންކަމުން ޤާޟީ މުހައްމަދު ސަމީރަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.ޤާޟީ މުހައްމަދު ސަމީރު ކްރިމިނަލް ކޯޓުގައި ހުންނެވިއިރު ޖިންސީ ފުރައްސާރައިގެ މައްސަލައަކީ ވަރަށް އާދައިގެ މައްސަލައެއްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައިވާތީ ވެސް ޖޭއެސްސީ އިން އެމައްސަލަ ބެލިއެވެ. އެފަހަރު ވެސް ނިންމީ ޤާޟީ ސަމީރަށް ނަސޭހަތް ދިނުމަށްފަހު ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އަންގާށެވެ.ޖޭއެސްސީއިން މިގޮތަށް ނިންމާފައިވަނީ 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގަ އެވެ.މީގެ ކުރިން ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓުގެ ގާޒީކަންވެސް ކުރެއްވި ގާޒީ ސަމީރު ޑްރަގް ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ އަމިއްލަ އެދުމުގެ މަތިން މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ