މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކުރިޔަށް އޮތް ހޫނު ދުވަސްވަރާއި ރޯދަމަހުވެސް ކަރަންޓް ކެނޑިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ އެކަން ހައްލުކުރުމަށް ސިޓީކައުންސިލުން އެއްބާރުލުން ނުދޭތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކަރަންޓް ކެނޑުނަ ނުދީ ހިދުމަތް ފޯރުކޮށްދިނުމަށް ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިންތަކެއް މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވާތީ ސްޓެލްކޯއިން ވަނީ ކަނބޮޑުވުން ފާޅުކޮށް މިއަދު ބަޔާނެއް ނެރެފައެވެ.
މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން ވަނީ އެދިފައެވެ.
އެ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް އޮންނަ ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މީގެ ތެރެއިން، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ.
އަދި މިހާރު އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތަށްވެސް ވަނީ އޯވާލޯޑް ވުމާއި ގާތްވެފައި ކަމަށާއި، މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައެއްނުވޭ"
ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، 13 ސެޕްޓެމްބަރ 2021ގައި ވަނީ ސިޓީ ފޮނުވާފަ ކަމަށާއި، އެ ސިޓީއަށްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިގެ އިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި އެސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެކްލޯއިން ބުނެއެވެ.
ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީ އާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާރލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހައްޓަން ބޭނުންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް ސްޓެލްކޯގައި އެބަހުރި ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުންނަށް ތަހައްމަލްކުރަންޖެހިދާނެ ކަން ބަޔާންކޮށް ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ސިޓީ ކައުންސިލުން އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ.
މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް ސްޓެލްކޯއަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، މި ކުންފުންޏާއި ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.
ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބި ތިން ސަރަހައްދަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ