ގިރާވަރުފަޅު ތިން ހަފުތާ ތެރޭ ހިއްކާ ނިންމަނީ!

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުގެ ބޮޑު ސަރަހައްދެއް މިހާތަނަށް ހިއްކައި ނިންމާފައިވާ އިރު، އަމާޒަކީ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ވީހާވެސް އަވަހަށް ގޯތި ހަވާލުކުރަން ފެށުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.މި ތަނުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން މިހާތަނަށް އެކު ޖުމްލަ 105 ހެކްޓަރު ހިއްކާ ނިމިފައެވެ.މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޮސްކާލިސް ނަމަކަށް ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއެއްގެ ދަށުން ބިން ހިއްކުމަށް މިވަގުތު ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ އެއްފަހަރާ 35،500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާލެވޭ ކުއީން އޮފް ނެދެލޭންޑްސްއާއި 22،000 ކިއުބިކް މީޓަރު ހިއްޓާލެވޭ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރެކެވެ.އެ ކުންފުނިން މި ތަނުގެ 97.15 ހެކްޓަރުގެ ބިން ހިއްކާނެއެވެ.ސަރުކަރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަން ހިއްކާ ނިންމުމަށެވެ.ގިރާވަރުފަޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިހާރު އޮތް ލޭންޑްޔޫސް ޕްލޭނަކީ އެންމެ ބޭނުންވާ ގޮތަށް އޮތް އެއްޗަކަށް ނުވި ނަމަވެސް ކުރީގެ ސަރުކާރުން ގޯތި ލިބޭނެ ކަމުގެ އެގްރިމަންޓް ހެދި މީހުންނަށް ވެސް ގޯތި ދޫކުރާނެ ކަމަށެވެ. އެއަށް ފަހު، އާންމު ބޭނުންތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވީ ނަމަވެސް އެކަމުގައި އުނދަގޫތަކެއް ހުރި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ."އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ،" މުއްތަލިބް ވިދާޅުވި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ގިރާވަރުފަޅަށް ވަޑައިގެން އެތަން ހިއްކަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ