ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި

ނޭޕާލްގައި މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށްދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އެތައް ބަޔަކު މަރުވި މައްސަލައިގައި އިހުމާލު އޮތް ކަމަށް ތުހުމަތުގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު ހައްޔަރުކޮށްފި އެވެ.
އޮލީ ހައްޔަރުކޮށްފައިވަނީ، މުޒާހަރާތަކުގައި ހިނގި އަނިޔާވެރި އަމަލުތައް ތަހުގީގުކުރި ކޮމިޝަނުން އޭނާގެ މައްޗަށް ދައުވާކުރުމަށް ލަފާދިނުމާ ގުޅިގެންނެވެ. އޮލީގެ އިތުރުން އެ ސަރުކާރުގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޮލީ ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާއީދުކުރާ އާންމުން މަގުމައްޗަށް ނުކުމެ ވަނީ ފުލުހުންނާ ކުރިމަތިލައިފަ އެވެ.
ބޮޑުވަޒީރުގެ އޮފީސް ކައިރީގައި މުޒާހަރާގެ ބައިވެރިން ފުރޮޅުލީ އުޅަނދުތަކުގެ ފުރޮޅު އަންދަމުން ދަނިކޮށް، ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފަ އެވެ. މި ހަމަނުޖެހުންތަކުގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޮލީގެ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލްއިން ބުނީ އޭނާ ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، އެއީ "ބަދަލުހިފުމުގެ" ގޮތުން ކުރި ކަމެއް ކަމަށެވެ. އެ ޕާޓީން ވަނީ އޮލީ ވަގުތުން މިނިވަންކުރުމަށް ގޮވާލައި، މުޅި ގައުމުގައި މުޒާހަރާކުރުމަށް ނިންމާފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުން އިސްނަގައިގެން ބޭއްވި މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 76 މީހަކު މަރުވި އެވެ. އެ ހާދިސާތަކާ ގުޅިގެން އޮލީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އޮލީ ހައްޔަރުކޮށްފައި މިވަނީ، ރެޕް އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުވި ބަލެންދުރަ ޝާހު ނޭޕާލްގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
ނޭޕާލްގެ މިހާރުގެ ހޯމް މިނިސްޓަރު ސޫދާން ގުރުންގު ވިދާޅުވީ، މިއީ އިންސާފު ގާއިމުކުރުމުގެ ފެށުން ކަމަށާއި، ގައުމު މިހާރު މިސްރާބު ޖަހާފައިވަނީ އާ މިސްރާބަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ