ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމް ކުރުމަށާއި، އެފަދަ އަމުރަކާ ހިލާފްވެއްޖެ ނަމަ އެކަން ވީ އެންމެ އަވަހަކަށް ރިޕޯޓްކުރުމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ނަންބަރު 2012/3) ގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ، 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރު ވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ ކަމަށް ފުލުހުން ބުނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދިނުމެވެ.
ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފައި ކަމަށް ފުލުހުން ބުނެއެވެ.
ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަކީ ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމަށް ފުލުހުން ބުނެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކުރުމުގެ އަމުރަށް ބޯނުލަނބާ ނަމަ އަވަހަށް ރިޕޯޓްކުރޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ