އަރަބި ބައްރުގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި އަސްކަރީ ބޭސްތަކަށް އީރާނުން ހަމަލާދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވި ސަބަބު ސާފުކޮށްދިނުމަށް އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް އަންގައިފިއެވެ.
“ދިޔވަރު އޮންލައިން”އަށް ކަށަވަރު ވެފައިވާ ގޮތުގައި އެމެރިކާއިން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި މެމޯއެއްގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުންތަކާއި، ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމާވެސް ފުށުއަރާ ކަމެއްކަން ފާހަގަކޮށް، އެމެރިކާއިން ވަނީ މުއިއްޒުގެ ވާހަކަފުޅުތައް ކުށްވެރިކޮށްފައެވެ. އެހެންކަމުން، އެފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގަތް ސަބަބު ހާމަކުރުމަށް އެމެރިކާއިން ވަނީ އަންގާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ދިން ޖަވާބެއް އަދި ސާފުވެފައެއް ނުވެއެވެ.
އެމެރިކާއިން މި ފިޔަވަޅު އަޅާފައިމިވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، އީރާނުން ހަމަލާދޭންވާނީ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އިޒްރޭލަށް ކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، އިޒްރޭލަށް “ރެ އާއި ދުވާލު” ހަމަލާދިނުމަށް ގޮވާލައްވައި، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ ބަދަލުގައި ހަނގުރާމަ ފުޅާކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރުދެއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުޢިއްޒު ހިތްވަރު ދެއްވިއިރު، އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ ހުންނެވީ ރާއްޖޭގައެވެ. އެހެންނަމަވެސް، ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެމެރިކާއަށް ހަނގުރާމައިގެ ބޭނުމަކަށް ނުލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ވަނީ ހަނގުރާމައިގައި ޝާމިލުވާ ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒުގެ މި ފަހުގެ ވާހަކަފުޅުތަކުން، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ އީރާނުން އެމެރިކާއާއި އިޒްރޭލަށް ހުއްޓުމެއްނެތި ހަމަލާދީ، އެ ސަރަހައްދުގައި ހަމަނުޖެހުން ދެމެހެއްޓުންކަން ދޭހަވާކަމަށް ބުނެ، މިކަމުގެ ސަބަބުތައް ސާފުކުރުމަށް އެމެރިކާއިން މިވަނީ ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައެވެ.
އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ހަމަލާދޭން މުއިއްޒު ގޮވާލެއްވި ސަބަބު ސާފުކޮށްދޭން އެމެރިކާއިން ދިވެހި ސަރުކާރަށް އަންގައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ