ޑްރޯން ގަތީމާ ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށް ފައިސާއެއް ނުހުރޭ: ޝާހިދު

ޑޮލަރުގެ ވާހަކައަކީ ތަކުރާރުކޮށްވެސް ނުދައްކާ ހުއްޓާލައިގެން ތިބެވެން އޮތް ވާހަކައެއްނޫނެވެ. ދާދިފަހުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިހެން ރާއްޖެއަށް ލިބޭ ޑޮލަރަށް ވާގޮތް ނޭނގިގެން ރައްޔިތުން ސުވާލު ކުރެއެވެ. ނުކުރާންވީ ސަބަބެއްވެސް ނެތެވެ. 
އޮނަރަބަލް ޝާހިދު ވިދާޅުވާހެން މައްޗަކަށް ނާރާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވި ޑޮލަރު ރޭޓު 16.50 އިން 20.25 އަށް އަރައިފިއެވެ. ރައީސް މުއިއްޒު މައްޗަށް ނާރާނެކަމަށް ވިދާޅުވިޔަސް މައްޗަށް އެރިގޮތަށް ތިރިނުވެ ޑޮލަރުގެ އަގު އަރަނީ މައްޗަށެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓުމަކީ ޑޮލަރގެ އަގު މައްޗަށް އެރުމަށް ރައީސް މުއިއްޒަށް ނުވަނީ ތާއެވެ.   
އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވާހެން 2 މިލިއަނަށްވުރެ ގިނަ ޓުއަރިސްޓުން ހުސްވިއަހަރު ރާއްޖެ އައެވެ. ދެމިލިޔަން ޓޫރިސްޓުން އައުމުން ރާއްޖެއަށް ހެޔޮވަރުގެ އަދަދަކަށް ރާއްޖެއަށް ޑޮލަރ ވަންނާނެއެވެ. އެކަމަކު އެވަންނަ ޑޮލަރަށް ވާގޮތެއް ނޭނގެއެވެ.   
ޓޫރިޒަމާ ގުޅުންހުރި ހުރިހާ ޓެކްސްތަކެއް ރައީސް މުއިއްޒު ބޮޑުކުރައްވައިފިއެވެ. ޝާހިދު ވިދާޅުވާހެން ރާއްޖެއަށް އައިސްފިއްޔާ ފުރެނީވެސް ކުރިއަށްވުރެ މާ ބޮޑަށް ޓެކްސް ދައްކައިގެންނެވެ. އަނެއް ކޮޅުން ރިސޯޓުތަކަށް ސަރުކާރަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރައްވައިފިއެވެ. އެކަމަކު ވެސް ރާއްޖޭގައި ޑޮލަރ ތިޔައިގެ ވާތީއެއް ނުފެނެއެވެ. ގަންނަން ލިބޭ އަގު ދުވަހެއް ދުވަހަކަށް އަރަނީ ބޮޑުތަނުން މައްޗަށެވެ. 
ކަންއެހެން އޮތުމުން ޑޮލަރު ކޮބާހޭ ރައްޔިތުން ސުވާލު ކުރާކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. ސަރުކާރަށް ލިބޭ ޑޮލަރަށް ލޯނު ދައްކަވަނީކަމުގައި ސަރުކާރުން ބުނާކަމަށް ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި ޗައިނާ އާއި އިންޑިޔާގެ ލޯނުތައް ރީޝެޑިއުލްކޮށް ފަސްކޮށްދީފިއެވެ. އެހެން ކަމުން ސަރުކާރުން ލޯނު މި ދައްކަވަނީ ކޮންތާކަށްތޯ ކުރީގެ ހާރިޖީ ވަޒީރު ސުވާލު އުފައްދަވައެވެ.
ސަރުކާރަށް ލިބޭ ފައިސާއަށް ވާގޮތެއް އޮންނަންޖެހޭނެ ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވަނީ ޑްރޯން ގަންނަން ކުރި ހަރަދު އިންތިހާއަށް ބޮޑު ކަމަށެވެ. ޑްރޯނަށް ފައިސާ ފޮނުއްވީމާ ކިޔަވާ ކުދިންނަށް ފައިސާ ނުލިބޭ ކަމަށާއި އަސާސީ ބޭސްފަރުވާއަށް ފައިސާ ނުލިބޭ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ