ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ މައި އިމާރާތް ކުރިމަތީ ފަޅުން އިތުރަށް ބޮޑު ބައެއް ހިއްކައި އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ހަތަރު ލޭންއަށް ދުއްވާ މަގަކަށް ހެދުމަށްތަކައި 14 މީޓަރަށް މަގު ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ހެންވޭރާ ދިމާލުގެ މަސައްކަތްތަކެވެ. އެގޮތުން، މިހާރު މާގިރި ހޮޓަލާ ހަމައިން ފެށިގެން ބީއެމްއެލްއާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ.
ތަފްސީލު - މި މަސައްކަތުގެ ތެރެއިން ބީއެމްއެލް ކުރިމަތީ ފަޅުގެ ބައެއް އިތުރަށް ވަނީ މިހާރު ހިއްކަން ނިންމާފަ އެވެ. އެކަން އެމްޓީސީސީން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ. އަދި އެމްޓީސީސީން މިހާރު އާންމުކޮށްފައިވާ ފޮޓޯތަކުން ވެސް އެތަން ފެނެ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވީ:
ފަޅުގެ ބޮޑު ބައެއް އިތުރަށް ހިއްކަނީ ފޮރިން މިނިސްޓްރީ އިމާރާތް ނިމޭ ހިސާބުން ފެށިގެން ސިޓީ ގާޑެންއާ ހަމައަށް
ބޮޑު ކުރާ ސަރަހައްދު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޕާކިން ޒޯނަކަށް
އެތަން ހިއްކުމަށްޓަކައި މިހާރު ޝީޓް ޕައިލްކޮށްފައިވޭ
އިތުރަށް ހިއްކާ ބައިގެ ޝީޓް ޕައިލްތައް 560 މީޓަރަށް އަރާނެ؛ މިހާރު 260 މީޓަރު ނުވަތަ ޝީޓް ޕައިލްގެ %50 ވަނީ ޖަހާފައި
ޕާކިން ޒޯން ހެދުމަށް އެ ސަރަހައްދުގެ ބޮޑު ބައެއް ހިއްކާ ނިމޭއިރު، ބޭރު ތޮއްޓާ ދެމެދު އޮންނާނީ ޑީންގީއަކަށް ދެވޭ ވަރުގެ ވަރަށް ކުޑަ ޖާގަ އެވެ.
ފަސް މަންޒަރު - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެބްރުއަރީއަށް ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
ބޮޑުތަކުރުފާނު މަގުން ބީއެމްއެލް ކުރިމަތިން ބޮޑު ބައެއް ހިއްކައި ޕާކިން ޒޯނެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ