ފަވަރަ، އިންޑިއާގެ ޔޫޕީއައިއާ އަންނަ ޖުލައިގެ ކުރިން ގުޅާލަނީ
އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި)އާ، އަންނަ ޖުލައި މަހުގެ ކުރިން ފަވަރަ ގުޅައިލެވޭނެ ކަމަށް، މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ. މާލީ ދާއިރާ ތަރައްގީއާ ގުޅޭ ކަންކަން އިފުތިތާހުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މިއަދު މި ކުރާ މަސައްކަތަކީ މާލީގޮތުން ރާއްޖެއަކީ ވަރުގަދަ، ހަމަހަމަ ތަނަކަށް ހެދުން ކަމަށެވެ. މި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވަނީ، މިއަދު ރަސްމީކޮށް އިފްތިތާހުކުރި ޕޭމެންޓް މޯލްޑިވްސްގެ އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބޭރުގެ އެކި ބޭންކުތަކާއި ޕޭމެންޓް ޚިދުމަތްތައް ބައިވެރިވުމަށް ދައުވަތު ދެއްވައިފައެވެ. އެއާއެކު، މުނައްވަރު ވިދާޅުވިގޮތުގައި، އަންނަ އަހަރަށް އަމާޒު ހިފާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، އަންނަ އޭޕްރިލް މަހު ތެރޭ ފަވަރައިގެ ބައިވެރިންނާއެކު ޕޭމަންޓް މޯލްޑިވްސްއިން ކިއުއާރު ކޯޑުން ފައިސާގެ މުއާމަލާތްކުރެވޭނެ ގޮތް، ގައުމީ ކިއުއާރު މިންގަނޑު ކަމަށްވާ ޕޭ އެމްވީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ހެދުމެވެ. "އަދި ޖުލައިގެ ކުރިން އިންޑިއާގެ ޔޫޕީއައިއާ ގުޅޭލެވޭނެ ގޮތް ވަނީ ހަމަޖެހިފަ،" ފަވަރައިގެ ފުރަތަމަ ކްރޮސްބޯޑާ އިންޓެގްރޭޝަންގެ މަސައްކަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ. ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތްތައް ފެށުމަށް ނިންމެވިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖުލައި މަހުގެ 25ވަނަ ދުވަހެވެ. https://sun.mv/209058 މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާ ދެމެދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމަށެވެ. މި މަސައްކަތަކީ އެމްއެމްއޭއިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކުތަކާ ގުޅައިލުމަށް ކުރާ މަސައްކަތެކެވެ. މީގެ މަގުސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބައިނަލްއަޤުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމާއި، ހަމަހަމަ ގޮތެއްގައި މާލީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމެވެ. މިކަމުގެ ސަބަބުން އިޤްތިސާދީ ބައިވެރިވުން އިތުރުވެ ކުރިއަރާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. ޔޫޕީއައި އަކީ އިންޑިއާގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ