ފަތިސްވަޤުތުން ލިބެންހުރި ފައިދާގެ ބޮޑުކަން މުސްލިމުންނަށް އެނގޭއިރުވެސް ލިބިގަންނަ މީހުންގެ ތެރޭގަ ގިނަވަމުން އަންނަނީ ކާފިރުން! މިދެވެނީ ފަހަތަކަށް ނޫންތަ؟

ހުޅުވާލެވިފައިވާ ހިތަކާއި ސިކުނޑިއެއް ބޭނުންކޮށްގެން ދެލޮލުން ނިކަން ބަލައިލަބަލާށެވެ! ފަތިހު 5 ނުޖަހަނީސް ކާފިރުން ތެދުވެ ކަސްރަތުކުރަން ފަށަނީ ކީއްވެގެން ހެއްޔެވެ؟ ފަތިހު ޖިމްއަށް އެދަނީ ކާކު ބުނެގެންހެއްޔެވެ؟ އިރުއަރަންވާއިރަށް ގަސްތަކަށް ފެންދޭން މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ އެއިގެ އިތުރުން ފަތިހާ ތެދުވެ އެދުވަހު ކުރަންހުރި ކަންކަން ރާވައިލައެވެ. ގޭތެރޭގެ އިންތިޒާމްތައް ހަމަޖައްސައިލައެވެ.  
ފަތިހުގެ އަރާމު ނިދިކޮޅު ދޫކޮށްލާފައި އެމީހުން އެކަންކަން އެކުރަނީ ފަތިހުގެ ވަޤުތުގައި އެކަންކަން ކުރުމުން އެމީހުންގެ ހަށިގަނޑަށް ފައިދާތަކެއް ކުރާ ކަމަށް އަމިއްލައަށް ޤަބޫލުކުރެވޭތީއެވެ. އެފައިދާ ކުރާނީ ދުނިޔޭގައި އެމީހުންގެ ހަށިގަނޑަށެވެ. ޢާޚިރަތަކަށް ނުގެންދެވޭނެއެވެ.  
ފަތިހު ތެދުވެ އަހުރެމެން ގަޑިއެއްހައިއިރު މަސައްކަތްކުރަންވީ އަހުރެމެންގެ ފުރާނައަށް ކާންދީ ތާޒާކުރާށެވެ. އެކަން ޙާޞިލްކުރެވޭނީ އަޅުކަމުންނެވެ. އަހުރެމެން ކުރާ އަޅުކަން އަޅުކަން އާޚިރަތް ދުވަހުވެސް އަހުރެމެންނާއިއެކުގައި ވާނެއެވެ. ފައިދާކުރާނެއެވެ. އިން ޝާ ﷲ  
ފަތިހުގެ ވަޤުތަކީ އެހައި ފައިދާބޮޑު ވަޤުތެއްކަން ކާފިރުންނަށް ވިސްނި އެފައިދާ ލިބިގަންނަމުންދާތަން ބަލަން މުސްލިމުން އަތްއުރާލައިގެން މިތިބެނީ ކީއްވެގެން ހެއްޔެވެ؟ ފަތިހު ތެދުވެ ފަތިސް ނަމާދުކޮށް ޤުރްޢާން ކިޔައި ޛިކުރުކުރަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟  
މީސްތަކުންނޭވެ! ފަތިހު ހޭލައި ފަތިސްނަމާދުކޮށްގެން ކީރިތި ޤުރްއާނުން އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކޮށްބަލާށެވެ! އެއިރުން އެމީހަކަށް މިދުނިޔޭގައި ބޮޑު ތަނަވަސްކަމެއް ދެއްވަވާނެ ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ޔަޤީންވާކަމެއް އެބައޮތެވެ. އެމީހަކަށް މިދުނިޔޭގައި ހިތްހަމަޖެހުން ދެއްވަވާނެތެވެ. ޢާޚިރަތް ދުވަހު އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެތެވެ. އިން ޝާ ﷲ 
ކީރިތި ޤުރްޢާން ހިތުދަސްކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަނިކޮށް، ދަސްނުދަސްނުވަނީސް އެމީހަކު ދުނިޔެއާއި ވަކިވިނަމަވެސް އެމީހަކު ލިޔުއްވަވާނީ ޙާފިޡުންގެ ތެރެއިންނެވެ. އިން ޝާ ﷲ އެއިރުން އެމީހަކު ވާހުށީ ސުވަރުގޭގައި އެންމެ އުފަލުގައެވެ. އިން ޝާ ﷲ  
ކޮންމެ އެއްޗެއް ނަމަވެސް ހިތުދަސްކުރަން އެންމެ ފަސޭހަ ވަޤުތަކީ ފަތިހުގެ ވަޤުތުކަން އެންމެންވެސް ޤަބޫލުކުރެއެވެ. ހަމައެކަނި މިކަމަށް ވިސްނައިލިނަމަވެސް ފަތިސްވުމުން ކަންނެތްވެ ނުތެދުވެ، ނަމާދުނުކޮށް ތިބެން ހެޔޮނުވާނެ ނޫންހެއްޔެވެ؟
 
- ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ