ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ އާރުޑީސީގެ ލޯގޯ، އާ އަހަރާއެކު އަނެއްކާވެސް ބަދަލުކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ މަގު ހަދާ ކުންފުނި އާރުޑީސީގެ އާ ލޯގޯ، އާ އަހަރާ އެކު އިފުތިތާހުކޮށްފިއެވެ. އާ ލޯގޯއާ ގުޅޭ ގޮތުން 'އެކްސް'ގައި އާރުޑީސީން ކުރި ޕޯސްޓެއްގައިވަނީ، އޮރެންޖު ކުލައިގެ އެ ލޯގޯ ރަމްޒުކޮށްދެނީ ދިވެހި ރުކުގެ ފަން ވިނުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށާއި، އާ ލޯގޯއިން ދައްކުވައިދެނީ މާނަހުރި މަސައްކަތްތަކުގެ ފެށުމާއި ބިންގާ ކަމަށެވެ. މިރޭ އިފުތިތާހުކުރި ލޯގޯއިން ހަތަރު އަނގޮޅި ކަންމައްޗެއް ވެސް ރަމްޒުކޮށްދޭ ކަމަށާއި، އޭގެން ދައްކުވައިދެނީ ގައުމީ ތަރައްގީއާ ދިމާލަށް އެކި މަގުތައް ގުޅިލާމެހިފައިވާ ކަން ކަމަށް ވެސް، އާރުޑީސީން ކުރި ޕޯސްޓެއްގައިވެއެވެ. https://x.com/rdcmaldives/status/2006440395606245413 އާ އަހަރާ ދިމާކޮށް އާރުޑީސީން އާ ލޯގޯއެއް ތައާރަފްކޮށް ރީބްރޭންޑްކުރިއިރު، ފާހަގަކުރެވޭ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ އެއް ކުންފުންޏަކީ އާރުޑީސީއެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ފަހު ދުވަހު އާރުޑީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޑިސެމްބަރު 31، 2019އިން މިދިޔަ އޭޕްރިލް މަހުގެ 23ގެ ނިޔަލަށް 81 މަޝްރޫއެއްގައި އެކުންފުނިން ސޮއިކުރިއިރު، ގިނަ މަޝްރޫއުތަކެއް ހުރީ ނުނިމިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 36 މަޝްރޫއަކީ މަގު ހެދުމުގެ މަޝްރޫއުތަކެވެ. ޕީސީބީގެ ރިޕޯޓުން އެ މައުލޫމާތު ހާމަކުރިއިރު، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން، މި ކުންފުނިތަކުގެ މެންޑޭޓުގައި ނެތް މަސައްކަތްތައް ކަމަށްވާ، ޕޮލިސް ސްޓޭޝަން އެޅުމާއި ހޮސްޕިޓަލު އެޅުން ފަދަ މަސައްކަތްތައް މަގުހަދާ ކުންފުންޏަކާ ހަވާލުކުރުމުން އާންމުންގެ އެތައް ފާޑުކިއުމެއްވެސް އެކަމަށް އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ