އާ އަހަރާއެކު މައުމޫންގެ މުހިންމު ސުވާލުތަކެއް: "ތަސައްރަފު ފުދޭކަށް ނުވޭބާ؟"

އާ އަހަރުގެ ތަހުނިޔާ ކީއިރު ދިވެހި މުޖުތަމައުގައި ނެތިދާންޖެހޭ ނޭދެވޭ ސިފަތަކެއް ހުރިކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅެއެވެ. އެފަދަ ކަންކަމަށް އަލިއަޅުވައިލައްވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް އާ އަހަރުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެެވެ. ރައީސް މައުމޫންގެ ތަހުނިޔާގައި އެ މަނިކުފާނު އަމާޒުކުރެއްވީ ކުރު ތިން ސުވާލެކެވެ. އެކަމަކު އެއީ ދިވެހި މުޖުތަމައުއިން ފެންނަ މަންޒަރުތަކަށް އަލިއަޅުވައިލައްވައި މިއަދު ފެންނަ މަންޒަރާ އެކު އުފެއްދެވި ތިން ސުވާލެވެ. "އާއަހަރުގެ މެސެޖަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށްގޮވުމަށް ލިބޭ ފުރުޞަތެއްބާ؟ އަޅުގަނޑުމެން ތަންކޮޅެއް ތަޞައްރުފު ފުދޭކަށް ނުވޭބާ؟ހަމަޖެހިލައިގެން އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާކަށް ނުވޭބާ،" އެކްސްގައި މައުމޫން ލިޔުއްވިއެވެ. މި ތިން ސުވާލުން އެ މަނިކުފާނު އަލިއަޅުއްވައިލައްވައިފައި އެ ވަނީ މުޖުތަމައުގައި އިހްތިރާމްކުރުމުގެ ސިފަ އަށެގެންނެވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އަދި އަހަރުތައް ފާއިތުވެދާ މިންވަރަކަށް ވިސްނުން ތަރައްގީވެ ތަހުޒީބުވުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށް ބެލެވެއެވެ. މައުމޫންގެ އެ ޕޯސްޓަށް ކޮމެންޓުކުރި ބައެއް އާންމުން ބުނި ގޮތުގައި އެންމެން އުފަލުގައި އުޅޭ މުޖުތަމައުއެއް ބިނާކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިއަދު މި ހާލަތު މެދުވެރިވެފައިވަނީ ތައުލީމީ ނިޒާމު ބޮއްސުންލުމުގެ ސަބަބުންނާއި، ބޮޑުވަމުން އަންނަ ޖީލު ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭތީއެވެ. އާ އަހަރާއެކު މުހިންމު ތިން ސުވާލު މައުމޫން އަމާޒުކުރެއްވިއިރު، މިހާރު އެ މަނިކުފާނު އުޅުއްވަނީ ސިޔާސީ މަސައްކަތްޕުޅާ ދުރުން، ދީނީ އަދި އިޖްތިމާއީ މަސައްކަތްޕުޅުތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ