ރާއްޖޭގައި ވެރިކަން ކުރަން ފެންނަ ނިޒާމެއްގެ ގޮތުގައި އަދިވެސް ގަބޫލުކުރައްވަނީ މިހާރު ވެސް އޮތް ގޮތަށް ރިޔާސީ ނިޒާމު އެ ގޮތުގައި ބޭއްވުމަށް ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެެ އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ ކެމްޕޭނެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އިސްވެ ހުންނަވައިގެން އަންނަނީ ކުރައްވަމުންނެވެ.
ބަރުލަމާނީއަށް ކުރީގެ ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން:
މިދިޔަ ހޯމަ ދުވަހު މާމިގިއްޔަށް ވަޑައިގެން، އެ އަތޮޅުގައި ގާސިމް ހިންގަވާ ސަން އައިލެންޑް ރިސޯޓުގައި ގާސިމާ ބައްދަލުކުރެއްވި
ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކާއި އިތުރު ޕާޓީތަކާ އެކު ވެސް އެ މަޝްވަރާތައް ބާއްވަވާފައި
ބުނީ ކީކޭ؟ - 'ދައުރު'އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ޖޭޕީގެ ނަމުން އެ ޕާޓީ ރަމްޒުކޮށްދެނީ ރިޔާސީ ނިޒާމު ކަމަށާއި ދުނިޔޭގައި އެންމެ ތަހުޒީބު އަދި އެންމެ ވަރުގަދަ ޑިމޮކްރަސީ އޮންނަ ގައުމު ކަމަށްވާ އެމެރިކާގައި ވެސް އޮންނަނީ ރިޔާސީ ނިޒާމު ކަމަށެވެ. ނަމަވެސް، ޖޭޕީގެ ލީޑަރުގެ އިތުރަށް، މަޖިލީހުގެ މާމިގިލީ ދާއިރާ ވެސް ތަމްސީލު ކުރައްވާ ގާސިމް ވިދާޅުވީ، އެއީ އޭނާގެ ވިސްނުން ކަމަށާއި އެއަށް ބަދަލު ގެނައުމުގެ އިހުތިޔާރު ޖޭޕީގެ ކައުންސިލަށް އޮންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ސްޓޭންޑެއް [ވެރިކަމުގައި ނިޒާމުގެ މައްސަލައިގައި] ބަދަލެއް ނުވޭ. އަޅުގަނޑަށް ޖޭޕީގެ ސްޓޭންޑް ބަދަލެއް ނުވެއޭ ބުނަން އެނގޭނީ ޖޭޕީގެ ކައުންސިލުން ނިންމީމާ،" ޖޭޕީގެ ވެސް ނިންމުމަކީ ރީޔާސީ ނިޒާމުތޯ އެހުމުން ގާސިމް ވިދާޅުވި އެވެ.
މުހިންމު ވާހަކަތަކެއް - ގާސިމް ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ އިތުރަށް ގާނޫނުއަސާސީއަށް ގެންނަވަން ބޭނުންފުޅުވާ އެ ނޫން ދެ އިސްލާހެއްގެ ވާހަކަ ވެސް ނަޝީދު ދެއްކެވި ކަމަށެވެ. އެއީ:
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން
މަޖިލީހަށް މެންބަރުން އިތުރުވާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކުރުން
ގާސީމް ވިދާޅުވި ގޮތުގައި، ނަޝީދު ހުށަހަޅުއްވާ ތިން ކަމުގެ ތެރެއިން އޭނާ ތާއީދު ކުރައްވާ ހަމައެކަނި ކަމަކީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިތުރުވާ އުސޫލަށް ބަދަލު ގެނައުމެވެ. އެގޮތުން، އެ އުސޫލަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލަކީ މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް އެ އަދަދު ލިމިޓްކޮށްފައި ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"[ރައްޔިތުންގެ މަޖިލީހުގެ] މެންބަރުން މަލްޓިޕްލައި މި ވަނީއެއްނު ކޮންމެ 5،000 މީހަކަށް މެންބަރެއް. އޭގައި އަޅުގަނޑު ބުނިން އެއީ އަޅުގަނޑަށް ވެސް ފެންނަ ކަމެކޭ، އެ އިސްލާހު [ގެންނަން]، އެ ނޫން ގެންނާނެ އެއްވެސް ބަދަލެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
"އެކަން ފިކްސް ކުރުން، އެ ނޫނީ ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ."
ގާނޫނުއަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމަކީ މިހާރު އިދިކޮޅު ޕީޕީއެމް އިން ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރިއަސް ވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ޕީޕީއެމް އިން ވެރިކަމުގައި އޮތް އިރު އެކަން ކުރަން ނޫޅޭކަން ގާސިމް ފާހަގަކުރެއްވި އެވެ.
"މިހާރު ޖޭއެސްސީ އެ އޮތީ ވަރަށް ރަނގަޅަށް، އެ އޮންނަން ޖެހޭ ގޮތަށް" ކަމަށާއި ވާންވީ ގޮތަކީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދެން ފަނޑިޔާރުންގެ ވާހަކަ އެ ދައްކަނީ، ކީރިތި ރަސޫލާގެ ހަދީސްގައި އެ އޮތީ، ތިން މީހުންގެ ތެރެއިން ދެ މީހުން ދާނީ ނަރަކައަށޭ. އެއީ ސައްހަ ހަދީސް. ދެން ބުނެ ބަލަ އެ ރަނގަޅު ކުރާނެ ގޮތެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ބޭނުންވާ ކަމަށް މަޖިލީހަށް އެދި ހުށަހެޅުމަށް މަޖިލީހުގެ ރައީސް ނަޝީދު ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ދޭތެރޭ އަދި ގޮތެއް ނުނިންމަވާ ކަމަށް ގަސީމް ވިދާޅުވި އެވެ.
އެކަން ނިންމޭނީ ޕާޓީގެ ކައުންސިލާ ވާހަކަ ދެއްކެވުމުގެ އިތުރަށް ޖޭޕީއަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވާތީ ސަރުކާރުގެ ވިސްނުން ވެސް ބެލުމަށް ފަހުކަން ގާސިމް ފާހަގަކުރެއްވި އެވެ
އިތުރަށް ކިޔާލަން -
ބަރުލަމާނީ ނިޒާމު ގެންނަން ރައީސާއި ނަޝީދު ފުރަތަމަ ފަހަރަށް މަޝްވަރާކުރައްވައިފި
ނަޝީދު މާމިގިއްޔަށް ވަޑައިގެން ސަން އައިލެންޑްގައި ގާސިމާ ބައްދަލު ކުރައްވައިފި
ގާނޫނުއަސާސީއަށް ބޮޑު ތިން އިސްލާހެއް ގެންނަން ނަޝީދު އެމްއެންޕީއާ މަޝްވަރާކުރައްވައިފި
ބަރުލަމާނީ މަޝްވަރާއަށް އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
އަޅުގަނޑުގެ ސްޓޭންޑް ބަދަލެއް ނުވޭ؛ އަދިވެސް ގަބޫލުކުރަނީ ރިޔާސީ ނިޒާމު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ