އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފައްދާ ފްލައިން ސްކޫލު މިއަދު ހުޅުވައިފި އެވެ. މިއީ ރާއްޖޭގައި ދިވެހި ބަޔަކު ގާއިމްކޮށް އަދި ހިންގާ ފުރަތަމަ ފްލައިން ސްކޫލެވެ.
މައްސަލައިގެ ފެށުން - ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގަމުން އައި ފްލައިން ސްކޫލުގެ ކިޔެވުން ހުއްޓިފައި އޮތުމުން، ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ސްކޫލުގެ ދަރިވަރުން ތިބީ ގޮތް ހުސްވެ، ހަދާނެ ގޮތެއް ނެތިފަ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ހައްލުކުރުމަށް، އައިއޭއެސް އާއި އެމްއެންޔޫ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދައި ފްލައިން ސްކޫލް ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ފްލައިން ސްކޫލް މިއަދު އިފްތިތާހުކޮށްދެއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ބުނީ ކީކޭ؟ - 'މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ' ހުޅުވަން އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މިއީ "ދިވެހިންގެ ފްލައިން ސްކޫލް" ކަމަށާއި މި ސްކޫލުގެ މަގުސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދިވެހި ވޯކްފޯސްއެއް އުފެއްދުން ކަމަށެވެ.
މިހާދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މިހާރު ކިޔެވުން މެދުކެނޑިފައި ތިބި ދަރިވަރުންގެ ކިޔެވުން ފުރިހަމަކޮށްދިނުމަށް ކަމަށެވެ. އެގޮތުން:
އެ ދަރިވަރުންނަށް ފުރަތަމަ ދެ މަސްދުވަހު ރިފްރެޝާ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ
އެއީ 150 ގަޑިއިރުގެ ތިއަރީ އަދި 10 ގަޑިއިރުގެ ފްލައިން ހިމެނޭ ޕްރޮގްރާމެއް
މިހާދު ވިދާޅުވީ އެ ސްކޫލަށް ބޭނުންވާ މަލްޓި އިންޖީން އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއް އިންޖީނު އަޅާފައިވާ ތިން ބޯޓު ވެސް މިހާރު އައުމުގެ މަގުމަތީގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެނުއަރީ މަހު އެ އެއާކްރާފްޓްތައް ގަމަށް ފޯރާނެ،" މިހާދު ވިދާޅުވި އެވެ.
އޭރުން ރިފްރެޝާ ޕްރޮގްރާމް ނިމެން ވާއިރަށް، އުޅަނދުތައް ލިބި ފްލައިން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޖިއަރިން އާއި އެހެން ތަމްރީނު ޕްރޮގްރާމްތައް ވެސް ފަށަން ރާވާފައިވާ ކަމަށެވެ.
ގުޅުންހުރި ކަމެއް - އައްޑޫ ގަމުގައި ހިންގަން ފަށާ އާ ފްލައިން ސްކޫލަށް މުވައްޒަފުން ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
އެމްއެންޔޫ އިން 2 މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ
އަހަރަކު 80 ކުދިންނަށް ޖާގަ ދޭނެ
ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ
ފުރަތަމަ އިސްކަން ދޭނީ ކިޔެވުން ފުރިހަމަ ނުކުރެވުނު ކުދިންނަށް
ކޯސްތައް ހިންގާނީ ޗެކް ރިޕަބްލިކުގެ ފްލައިން އެކަޑަމީއަކާ ގުޅިގެން
އެއާކްރާފްޓް މެއިންޓެނަންސް އާއި ސޭފްޓީ ރެގިއުލޭޝަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުން
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ: ފުރަތަމަ ދިވެހި ފްލައިން ސްކޫލް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ