އާ ދައުރަކަށް ޖޭޕީގެ ލީޑަރަކަށް ގާސިމް ހޮވިއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހިމްގެ އިތުރުން އެހެން އެއްވެސް މީހަކު ކުރިމަތިލައްވާފައި ނުވާތީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަަށް އެމަނިކުފާނު އިންތިހާބުވެ ވަޑައިގެންފައިވާ ކަމަށް މިއަދު އިއުލާނު ކޮށްފި އެވެ.މިއަދު ކުރިއަށްދާ ކޮންގްރެސްގައި ވަނީ، ގާސިމް ފިޔަވައި އެހެން ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ އިންތިހާބުވެއްޖެ ކަމަށް ނިންމައިފަ އެވެ. މަގާމަކަށް އެންމެ މީހަކު ކުރިމަތިލައިފި ނަމަ، އިންތިހާބަކާ ނުލައި މަގާމަށް ހޮވޭ ގޮތަށް އަސާސީ ގަވާއިދު ބޭއްވުމަށް ވެސް ކޮންގްރެސްގައި މިއަދު ނިންމި އެވެ.ގާސިމްގެ އިތުރުން، އެންމެ މީހަކު ކުރިމަތިލައިގެން އޮޓެމެޓިކުން ޖޭޕީގެ އިސް މަގާމަށް އިންތިހާބުވި ބޭފުޅުންނަކީ ޒުވާނުންގެ ލީގުގެ ރައީސް ކަމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށް ޝުއައިބު ޝިފާޒު ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް އައިޝަތު ޝޫޒާ އަހުމަދެވެ.ޖޭޕީގެ ލީޑަރުގެ މަގާމަށް ވާދަވެރި ކަމެއް ނެތަސް ޑެޕިއުޓީ ލީޑަރުގެ ހަތަރު މަގާމާއި ކައުންސިލަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އިއްޔެ ފެށި ޖޭޕީގެ ކޮންގްރެސްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމުމަށް އެ ޕާޓީގެ ކައުންސިލަށް ކޮންގްރެސް އިން ލަފާ ދިނުމަށް ގޮވާލާ ގަރާރެއްގެ ބަހުސެކެވެ. ޖޭޕީން ވާދަކުރަން އަދި ނުކުރަން ނިންމުމުގެ ބާރު ވެސް ދީފައި އޮންނަނީ ޕާޓީގެ ކައުންސިލަށެވެ.އިއްޔެ ފެށިގެންދިޔަ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންފަރެންސްގެ ދެ ދަންފަޅީގެ ރަސްމީ ބައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވި ތިންވަނަ ދަންފަޅިއަށް ފެށިފައިވާއިރު މިއީ ޖުމްހޫރީ ޕާޓީގެ ހަޔާތުގައިވެސް ބޭއްވިގެންދާ އެންމެ ވަރުގަދަ ގައުމީ ކޮންފަރެންސެވެ.ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު އެކަނި ނުވަތަ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް މި ކޮންފަރެންސަށް ގަރާރެއް ވެސް ވަނީ ހުށަަހަޅާފަ އެވެ. މިއަދު މެންދުރު ފަހު އޮންނަ ޝެޝަންއަށް އެޖެންޑާކޮށްފައިވާ އެ ގަރާރު ހުށަހެޅުއްވީ، ޕާޓީގެ ކައުންސިލަށް ލަފައެއް ދިނުނުގެ ގޮތުން، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ، ގައުމީ ކޮންފަރެންސްގައި އިންތިހާބުކުރާ އާ ކައުންސިލުންނެވެ.ޖޭޕީން މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވީ ގާސިމެވެ. ކުރިން، 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެ ވަނަ ބުރުގައި ގާސިމް ތާއީދުކުރެއްވީ، ފުރަތަމަ ބުރުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއްދޭ ގޮތަށެވެ. އަދި އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ގައި ގާސިމްގެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ޖޭޕީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނު އެ ޕާޓީގެ ލީޑަރުކަމަށް އަލުން އިންތިހާބުވެވަޑައިގެންފައި މިވަނީ ހަތަރުވަނަ ދައުރަކަށެވެ.ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ.ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް މިއަދު އެ ޕާޓީން ނިންމާ އިއުލާންކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ