ބޭންކުން ހެކި ހޯދީ ގޯސްކޮށް، އުޅުނީ ފަލީހަތް ކުރަން: ޔާމީން

ޔާމީން ވިދާޅުވީ ވަނީ 2015 ވަނަ އަހަރު ހިނގައިދިޔަ މުއާމަލާތްތަކަކަށް ވާއިރު މާކުރީގެ ސްޓޭޓްމެންޓްތަކަކާ ގުޅިގެން ސުވާލުކުރުމުން އިންސާފުވެރި އަދި އަދުލުވެރި ތަހުގީގެއް ހިންގާފައިވާ ކަމާމެދު ސުވާލު އުފައްދާފަ އެވެ.
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބޭންކް ސްޓޭޓްމެންޓަށް ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި، ފުލުހުން މަސައްކަތް ކޮށްފައި ވަނީ އަބުރު ކަތިލައި ފަލީހަތް ކުރަން ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ. ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.ޖިނާއީ އިޖުރާއަތު ގާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައި ނުގަންނަން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްތައް ބަލައި ނުގަންނަން ދައުވާ ލިބޭ ޔާމީން އަދި ރިޒާގެ ފަރާތުން ހުށަހަޅާފައި ވެއެވެ. ބޭންކުން އެފަދަ މައުލޫމާތު ހޯދޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ފުލުހުން އެ ސްޓޭޓްމެންޓްތައް ހޯދީ ސިޓީއެއް މެދުވެރިކޮށް ކަމަށް ބުނެ އެ ހެކިތައް ބަލައިގަތުމަށް އިއުތިރާޒް ކޮށްފައި ވެއެވެ.އެ މައުލޫގައި ވާހަކަފުޅު ދައްކަވަމުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން ދަށު ކޯޓުން ސާބިތުވި ގއ. ވޮޑުމުލާ މައްސަލައިގެ ތަހުގީގުގައި 2010 އަދި 2011 ވަނަ އަހަރުގެ ބޭންކް ސްޓޭޓްމެންޓްތަކާ ގުޅިގެން ވެސް ސުވާލު ކޮށްފައިވާ ކަމަށެވެ.ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރު ހިނގައިދިޔަ މުއާމަލާތްތަކަކަށް ވާއިރު މާކުރީގެ ސްޓޭޓްމެންޓްތަކަކާ ގުޅިގެން ސުވާލު ކުރުމުން އިންސާފުވެރި އަދި އަދުލުވެރި ތަހުގީގެއް ހިންގާފައިވާ ކަމާމެދު ސުވާލު އުފައްދެ އެވެ.މި މައްސަލައިގެ ތެރެއިން ވެސް 2013 ވަނަ އަހަރުގެ ބޭންކް ސްޓޭޓްމެންޓްތަކެއް ދައުލަތުން ހުށަހަޅާފައި ވެ އެވެ. ރައީސް ޔާމީން ވިދާޅުވީ ބޭންކިން މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގަކަށްވާއިރު، ތުހުމަތު ކުރާ ކުށުގެ އިތުރުން އެމީހާ އިތުރަށް މުއާމަލާތް ހިންގާފައިވާ މީހުންގެ މަސްލަހަތު ވެސް އޭގައި ހިމެނޭ ކަމަށެވެ. އެގޮތުން ތަހުގީގުކުރަމުންދާ މައްސަލައިގެ އިތުރުން އެމީހާ ލަދުވެތިވާން ޖެހޭ އެހެން މުއާމަލާތްތައް ހުރެދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ތަހުގީގު އިދާރާތަކުން އެއްވެސް ހަމައެއް ނެތި ސިޓީއެއް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކުގެ ސަބަބުން ބޭންކުތަކަށް މީހުންކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށާއި އޭގެ ނުރަނގަޅު އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ދިފާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އީނާ މޫސާ ވިދާޅުވީ ފުލުހުން ބޭންކު މެދުވެރިކޮށް މައުލޫމާތު ހޯދަމުން ދަނީ ވޭތުވެދިޔަ 13 އަހަރު ވެސް އަމަލު ކުރަމުން އަންނަ އެއް އުސޫލެއްގެ ދަށުން ކަމަށެވެ. އެ ގާނޫނުގައި ޕީޖީ އޮފީހުގެ ލިޔުމަކުން މައުލޫމާތު ހޯދޭނެ ކަމަށް ބަޔާން ކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ފުލުހުން އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ހިލާފަށް އަދި ތަފާތު ގޮތަކަށް މި މައްސަލައިގައި އަމަލު ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ބޭންކް ސްޓޭޓްމެންޓްތައް ހޯދީ ރަގަޅު ގޮތުގައި ނުނިޔަތެއް އޮވެގެން ނޫން ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
ދިފާއުން މިއަދު އިތުރަށް ހުށަހަޅާފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށެވެ.އެމީހުން ބަޔާން ދިންއިރު އޯޑިއޯ އަދި ވީޑިއޯ ރެކޯޑިން ހަދާފައި ނުވާކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ. ޔާމީން އަދި ރިޒާގެ ފަރާތުން ވަކީލުން ވިދާޅުވީ ގާނޫނުން ލާޒިމްކުރާ ގޮތަކީ ތަހުގީގު ބަތާންތައް ރެކޯޑުކުރުން ކަމަށްވާއިރު އެޔާ ހިލާފަށް އަމަލުކޮށްފައި ވާތީ އެ ބަޔާންތައް ބަލައި ނުގަނެވޭނެ ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ މި މައްސަލައިގައި އަދީބާ ޒިޔަތުގެ ހެކިބަސް ނަގާނީ ޝަފަހީ ހެކިންގެ ގޮތުގައި ކަމަށެވެ. އެމީހުން ތަހުގީގަށް ދީފައިވާ ބަޔާންތަކަކީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެއްޗެހި ނޫން ކަމަށް ބުންޏެވެ. ދެން ދިފާއުން ހުށަހަޅާފައި ވަނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެއީ ބޮޑެތި ހިޔާނާތްތަކާ ގުޅޭ މައުލޫމާތުތައް ލީކުކުރާ ޕެންޑޯރާ ޕޭޕާސް އިން ހާމަވެފައިވާ ލިޔުންތަކެކެވެ. އެ ލިޔުންތައް އާ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ އިބްތިދާއީ މަރުހަލާ ފަށާފައި ވަނިކޮށެވެ. އެހެންވެ، އެ ލިޔުންތައް ބަލައިނުގަނެވޭނެ ކަމަށް ދިފާއުން ފާހަގަކޮށްފައިވެ އެވެ. ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސް އިން ހާމަވި ގޮތުގައި، ފުއްގިރި ދޫކޮށްފައި ވަނީ ޓެންޑާ ކުރުމެއް ނެތި، 1.55 މިލިއަން ޑޮލަރަށް ދުބާއީގައި ގާއިމްވެފައިވާ ކްލާސިކް ސައިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަކީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަވިނާޝް ބޯސްލޭގެ އާއިލީ ވިޔަފާރިއާ ގުޅުން އޮންނަ ކުންފުންޏެކެވެ. ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީ ހިމެނޭ ކަމަށް އޭގައި ބަޔާންކޮށްފައިވެ އެވެ.ދައުލަތުން ބުނެފައި ވަނީ ދައުވާ ކުރާ ފަހުން ލިބޭ އާ ހެކިތައް ހުށަހެޅުމަށް ގާނޫނުން ހުރަސް ނާޅާ ކަމަށެވެ.އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރީ ޓެންޑާ ކުރުމެއް ނެތި ޕެންޑޯރާ ޕޭޕާސްގައި އެބުނާ ދުބާއީ ކުންފުންޏަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ