މަކަރާއި ހީލަތުން ހޯދި ފައިސާ ތަކާއެކު ފިލަން ތައިލެންޑަށް ދިޔަ ދިވެއްސަކު ރާއްޖެ ގެނެސްފި

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށްފަހު ފިލަން ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ތުހުމަތުވާ މީހަކު ރާއްޖެ ގެނެސް ބަންދުކޮށްފި އެވެ.
ހިޔާނާތާއި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމުގެ ކުށުގެ ތުހުމަތުގައި ބަންދުކުރީ ދ. މީދޫ/ ބިއްލޫރިވިލާ, މުހައްމަދު އިހުސާން (33އ) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އޭނާ ބަންދުކުރަން ނެރުނު ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން, ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ފުރައިގެން ތައިލެންޑަށް ގޮސްފަ އެވެ. އަދި އޭނާ ރާއްޖެ ގެނައީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން, އޭނާ ބަންދުކުރަންޖެހޭ ހާލަތް އޮތް ކަމަށް ދެކޭ ސަބަބަކީ އެ ހާދިސާގައި ހިމެނޭ ފައިސާއަކީ ގިނަ އަދަދެއްގެ ފައިސާކަމުން އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ އިހުމާލެއް އޮތުމެވެ.
އެ އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ