ތިލަފުށީގައި ބަލްކު މުދާ ބާލަން ޕޯޓެއް ހަދާނެ ބަޔަކު ހޯދަނީ

މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީގައި ހަދަން ނިންމާފައިވާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން ބުނީ، ތިލަފުށީގައި ބަލްލް ޕޯޓެއް ތަރައްގީކުރުމުގެ ބޭނުމަކީ ބޮޑެތި ކާގޯ އުޅަނދުތަކާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރު ބެހެއްޓޭނެ ޒަމާނީ، ވަރުގަދަ، އަދި ދެމެހެއްޓެނިވި ބަނދަރެއް ގާއިމުކުރުން ކަމަށެވެ. މި ޕޯޓަކީ ސިމެންތި އާއި ހިލަ، ހިލަވެލި ބޭލުމަށް ހާއްސަކޮށް ހަދާ ޕޯޓެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 26 އާ ހަމައަށް އޮންނާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ، މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކީ މީގެ ކުރިން ޑީޕް ސީ ޕޯޓެއް ތަރައްގީކޮށްފައިވާ ކުންފުންޏަކަށް ވުމާއި މާލީ އަދި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ގޮތުން ގާބިލު ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބަނގުރޫޓް ވެފައި ނުވާ ކުންފުންޏަކަށް ވުމާއި ގާނޫނީ މައްސަލައެއްގައި ބެދިފައިވާ ކުންފުންޏަކަށް ނުވުން ވެސް ޝަރުތެއްގެ ގޮތުގައި ހިމެނޭ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ