އަޅުގަނޑަކީ ފޮލޯވަރެއް ނޫން، މީހެއްގެ ފަހަތަށް ނާރާނަން: އުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް އެއްވެސް މީހެއްގެ ފަހަތަށް ނާރާނެކަމަށް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އުމަރު ނަސީރަށް ފޮނުވި ދައުވަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުންނެވެ. އުމަރު ވިދާޅުވީ ރަސްމީކޮށް ގާސިމްގެ ދައުވަތު އަދި ލިބިފައިނުވާކަމަށެވެ. ނަމަވެސް އެ ފަދަ ދައުވަތެއް އައިސްފި ނަމަވެސް އޭނާ ދޭނެ ޖަވާބު ވަރަށް ސާފުކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން އޭނާއަކީ އެއްވެސް މީހެއްގެ ފަހަތަށް އަރައި މަސައްކަތް ކުރާނެ މީހެއް ނޫންކަމަށާއި އެހެން ބޭފުޅުން އޭނާއާއެކު މަސައްކަތް ކުރައްވަން ބޭނުންވެލައްވައިފިނަމަ އެކަމަށް އޭނާ މަރުހަބާ ކިޔާނެކަމަށެވެ. "އަޅުގަނޑުގެ ސްޓޭންޑް ވަރަށް ސާފު. އަޅުގަނޑަކީ ފޮލޯވަރެއް ނޫން. އަޅުގަނޑު މި އިންތިޚާބުގައި ވާދަކުރާނަން. އެހެން ބޭފުޅުން ޖެހޭނީ އަޅުގަނޑުގެ ފަހަތަށް އަރަން،" އުމަރު ވިދާޅުވިއެވެ. އުމަރު އިތުރަށް ވިދާޅުވީ އެހެން ހާލަތަކަށް ވިސްނުމުގެ ބަދަލުގައި މިވަގުތު އޭނާ މަސައްކަތް ކުރަނީ އިންތިޚާބު ކާމިޔާބުކުރުމަށް ޓަކައި ކުރެވެން ހުރި ކަންކަން ކުރެއްވުމަށް ކަމަށެވެ. ޖޭޕީގެ ސެކެޓަރީ ޖެނެރަލް އަލީ އާރިފް އިއްޔެ "ސަން"އަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ފަރާތުން އެ މަނިކުފާނު ސޮއިކުރައްވައި، އުމަރު ނަސީރު ހިމެނޭ ގޮތަށް ފަސް ފަރާތަކަށް ކޯލިޝަން ދައުވަތު ފޮނުވާފައިވާ ކަމަށެވެ. ގާސިމްގެ ފަރާތުން ކޯލިޝަން ދައުވަތު ފޮނުވާފައިވަނީ: ޕީޕީއެމް/ޕީއެންސީ އެމްއެންޕީ އެމްއާރްއެމް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ޕީޕީއެމުން ވެސް ވަނީ ޖޭޕީއާއެކު މަސައްކަތް ނުކުރާނެކަމަށް ބުނެފައެވެ. ނަމަވެސް އެމްއެންޕީން ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ