ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކަމުގައި ގޮތް ނިންމެވުމުގައި ލަސް ކަމަށް ދޭހަވާ ގޮތަށް، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ދަރުބާރުގޭގައި ފެށި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ތަފާތު އެކި ކަންކަމަށް އަލިއަޅުވާލެއްވި އިރު، އެންމެ ބޮޑަށް އޭނާ ދެއްކެވީ ތައުލީމު ކުރިއެރުވުމާ ގުޅުންހުރި ވާހަކަތަކެވެ. އެ ވާހަކަައިގެ ތެރެއިން އޭނާ ވަނީ، އަމިއްލަ ފަރާތްތަކުން މަތީ ތައުލީމު ފޯރުކޮށްދޭން ކުރާ މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ގާސިމްގެ ވިލާ ކޮލެޖަކީ ގައުމީ ޔުނިވަސިޓީއަށް ވުރެ މާ ކުރީގައި އުޅޭ ތަނެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ސިފަކުރާކަން ފާހަގަކުރައްވައި ޖޭޕީގެ ލީޑަރު ވިދާޅުވީ، އެ ކޮލެޖުގެ ބިންގާ އަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ކުރެއްވި އިއުލާނެއްގެ ސަބަބުން ކަމަށެވެ.
އަމިއްލަ ފަރާތްތަކުން ސަރުކާރާ ގުޅިގެން ތައުލީމަށް އިންވެސްޓްކުރުމަށް ޓެންޑާއަށް ހުޅުވާލުމުން، ވިލާ ކުންފުނިން އެ ބިޑު ކާމިޔާބުކޮށް ކޮލެޖު އެޅިއިރު، އެ ކަމުގެ އެންމެ ބޮޑު މެދުވެރިއަކަށްވީ ނަޝީދު ކަމަށް ވިދާޅުވެ ގާސިމް ވަނީ، ރޭގެ ޖަލްސާގައި ވެސް އިންނެވި ނަޝީދަށް އަނެއްކާވެސް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ.
އިތުރަށް ކިޔާލަން - ގާސިމްގެ ތައުރީފް މައުމޫނާއި ނަޝީދަށް
"މިހާރު އެތައް ސަތޭކަ މިލިއަން ރުފިޔާގެ އިމާރާތް ކުރެވިގެން ދާއިރު، އެތައް ހާސް ކުދިންނެއް ނުުކުމެގެން ދާއިރު، ޑިގްރީތަކާއި ޕީއެޗްޑީއަށް ކިޔަވައިދޭން ތައްޔާރުވަމުން ދާއިރު، ވާ ކަމެއް ނެތް ހަމަ އެއް ކަމެއް ވެސް. މުއްދަތު ވެސް އިތުރެއް ނުވޭ. އިތުރުކުރެވޭނެ ގޮތެއް ވެސް އަދި އިތުރަށް ހިނގައިގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ،" ނަޝީދުގެ ވެރިކަމުގައި ކޮލެޖު ހިންގަން ދީފައިވާ 35 އަހަރުގެ މުއްދަތަށް އޭގެ ފަހުން އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
ތައުލީމަށް ކުރާ މަސައްކަތަކީ "މާދަމާގެ މުސްތަގްބަލް ހޯދައިދިނުމަށްޓަކާ އަޅުގަނޑުމެން ވާ ޖިހާދު، ވާ ގުރުބާނީ" ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވީ ޖަލްސާގެ ކުރީ ސަފުގައި އިންނެވި އިބްރާހިމް އިސްމާއިލް (އިބްރާ)އަށް އިޝާރާތްކުރައްވައި އޭނާގެ މަންދު ކޮލެޖު ހިންގަވަން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބޮޑު "ދަންތުރަ"އެއްގައި ޖެހިފައިވާ ކަމަށް ވިދާޅުވެ އެވެ.
"[ތައުލީމަށްޓަކައި] ދިވެހި ސަރުކާރުން ސަޕޯޓު ނުދެވޭ ކަމަށް ވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ؟" ގާސިމް ސުވާލު އުފެއްދެވި އެވެ.
"މީހުންގެ ހައްގުތައް އަތުން ބީވެގެންދާއިރު ސަރުކާރަށް ޑިސިޝަން ނުނެގޭ ކަމަށް ވަންޏާ، އެކަންކަން ފުއްދައިނުދެވޭ ކަމަށް ވަންޏާ، އެ ކޯޓުން މި ކޯޓުން އައްޓަވަޅިން ގާ ނަގައިގެން، މިއީ [އަޅުގަނޑުމެން] ކުރަން ޖެހޭ ކަމެއްތޯ؟ ނޫން، އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން."
އެފަދަ ހާލަތްތަކުގައި ގޮތް ނިންމުމުގެ ބާރު ރައީސަށް ލިބިފައިވާކަން ފާހަގަކުރައްވައި ގާސިމް ވަނީ ކެރިގެން މަސައްކަތްކުރުމުގެ ހިތްވަރު ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ހުރިހާ އިންވެސްޓްމެންޓެއްގެ %60އަށް ވުރެ ބޮޑު އެއްޗެއް އަޅުގަނޑު ހަރަދުކުރީ މި ގައުމާއި މި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް، އަޅުގަނޑުގެ ފިލަންތުރޮޕީގެ މަސައްކަތްތަކާއި އިޖުތިމާއީ، އިގްތިސޯދީ އެކިއެކި ކަންތައްތަކަށް،" ގާސިމް ވިދާޅުވި އެވެ.
ފަސް މަންޒަރު - މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެކުގައި ވާދަކުރުމަށް، މިހާރުގެ ކޯލިޝަންގެ ބައިވެރިންނަށް ރައީސް ސޯލިހް ދެއްވި ދައުވާ ގުޅޭ ގޮތުން ޖޭޕީން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެ ޕާޓީން ބުނެފައި ވަނީ، އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ މި ކޮންފަރެންސް އިން އިންތިހާބުކުރި އާ ކައުންސިލުން ކަމަށެވެ.
ނަމަވެސް، ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާ ދިނުމަށް ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.
މިދިޔަ މަހުގެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަޝީދު، އެ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ދެކޮޅު ހައްދަވަމުން ގެންދަވާއިރު، އޭނާގެ ގާތް ބޭފުޅުން ގެންދަވަނީ ނަޝީދުގެ ތާއީދާ އެކު ގާސިމް އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް ބާރުއަޅުއްވަމުންނެވެ.
ރައީސްގެ ނިންމުންތައް ލަސް ކަމަށް ވިދާޅުވެ، ގާސިމް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ