ކަޕިލްގެ ކެފޭއަށް ބަޑީގެ ހަމަލާތަކެއް، ސެކިއުރިޓީ ވަރުގަދަކޮށްފި
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ 'ކެޕްސް ކެފޭ'ގެ ނަމުގައި ކެނެޑާގައި ހުޅުވި ރެސްޓޯރެންޓަށް ބަޔަކު މީހުން ދިން ބަޑީގެ ހަމަލާއާ ގުޅިގެން އޭނާގެ ސެކިއުރިޓީ ވަރުދަގަކޮށްފިއެވެ. ބްރިޓިޝް ކޮލަމްބިއާގައި ހުޅުވި ކަޕިލްގެ ކެފޭއަށް ދިން ބަޑީގެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައިނުވާއިރު ގިނަ އަދަދެއްގެ ބަޑީގެ ވަޒަންތަކެއް އެ ކެފޭއަށް ވަނީ އަމާޒުވެފައެވެ. މި ހަމަލާގެ ޒިންމާ ބޭންކޮށްފައިވާ ޓެރަރިޒަމް ގްރޫޕް 'ބައްބަރު ހާލްސާ'އިން ނަގާފައިވާއިރު މިއީ ސިކުންގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ނިހަންގް ޖަމާއަތުގެ މީހުން ހެދުންއެޅުމުގެ ވައްޓަފާޅިއަށް ކަޕިލްގެ ކޮމެޑީގެ ޝޯގައި ޖޯކު ޖެހުމުން އޭގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް ވަނީ ބުނެފައެވެ. ކަޕިލްގެ ކެފޭގެ ފޮޓޯއެއް. މިއީ އަންހެނުން ގިންނީއާ ގުޅިގެން ކަޕިލް ކެނެޑާގައި ހުޅުވި ކެފޭއެއް--ފޮޓޯ/ދެއްލީރޯޔަލް މި ފަހަކަށް އައިސް ސިކުންގެ ފަރާތުން މިފަދަ ހަމަލާތައް ދިނުން އާއްމުވެފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭޕީ ދިލޮން ދިރިއުޅޭ ގެއަށް ވެސް ބަޔަކު މީހުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. ކަޕިލްގެ ކެފޭއަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން އޭނާގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާއިރު ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ޝޫޓިންތަކަށް އޭނާ ދާނެކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ ޝޫޓިން ކުރިއަށްދަނީ މުމްބާއީގައި ހުންނަ ފިލްމު ސިޓީގައެވެ. މިހާރު ތިންވަނަ ސީޒަނެއް ގެނެސްދެމުން އަންނަ މި ޝޯގެ އެޕިސޯޑުތައް ނެޓްފްލިކްސްގައި ޕްރީމިއާކުރަމުން އަންނަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ