ގާސިމް އެނބުރި ރާއްޖެ ވަޑައިގެންފި

ވިލާ ކުންފުންޏަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭން ބޭރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހެނދުނުގެ ރާއްޖެ ވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ އިސްބޭފުޅަކު މިއަދު ވިދާޅުވި ގާސިމް މިއަދުގެ ފްލައިޓަކުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް އަދި މާލެ އައިކަން އޭނާ ޔަގީނެއް ނުކޮށް ދެއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމް މިއަދު އައުން ވަރަށް އެކަށީގެންވެ އެވެ.
"މިއަދު ވަޑައިގަންނަވާ ގޮތަށް އޮތީ. ފްލައިޓް ޖެއްސިކަން އަޅުގަނޑަށް ޔަގީން ނުވަނީ. ގާސިމް މިއަދު ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އެރައިވަލްގައި ބައެއް ދިވެހިންނާ ސަލާމް ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. އެއީ މިއަދުގެ ފޮޓޯތަކެއްކަން ގާތްގަނޑަކަށް ކަށަވަރުވެ އެވެ. މީގެ ކުރިން ގާސިމް ވެސް ވަނީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ، ދައުލަތަށް ދައްކަން ހުރި ފައިސާ ނުދެއްކުމާ ގުޅިގެންނާއި ސިޔާސީ ގޮތުން ސަރުކާރާ ހިޔާލުތަފާތުވެ، ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ކުރިމަތިވި ފިއްތުންތަކާ ގުޅިގެންނެވެ. އެމަނިކުފާނު މިހާތަނަށް ހުންނެވީ ތައިލެންޑްގެ ވެރިރަށް ބޮންކޮގް އާއި ޖަރުމަނުގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ، ވިޔަފާރީގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ޓަކައި ކަމަށެވެ.
ގާސިމް ވަނީ ސިޔާސީ މައިދާނުން ދުރަށް ޖެހޭނެކަން ދާދިފަހުން އިއުލާންކޮށްފަ އެވެ. އަދި ދެން އޮންނަ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގައިވެސް ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ދުރުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ދައުލަތަށް ފައިސާ ދައްކަން ވެސް އެންމެ ފަހުން ގާސިމް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ޖޭޕީ އާ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ