ގިނަ ބައަކަށް މިހާރު ނިދިއަންނަ ކަމަށްވަނީވެސް ފޯނުން ކޮންމެވެސް ޙަރާމް މަންޒަރެއް ބެލީމައެވެ. އެއިރުން އެވަނީ ކިހިނެއް ހެއްޔެވެ؟ އެނިދެނީ ޙަރާމްކަމެއް ކުރުންމަތީގައެވެ. އެއިރުން ވާގޮތް އެނގެން ބޭނުންވާނަމަ އަޑުއަހާށެވެ!
މީސްތަކުންނޭވެ! ކޮންމެ މުސްލިމަކާއި ސުވާލުކުރިނަމަވެސް ބުނާނީ ތިމާ މަރުވަން ބޭނުންވަނީ ސުޖޫދުގައި އޮއްވައިކަމަށެވެ. ސުވާލަކީ އެކަން އެދޭކަމަށް ބުނާމީހާ ނަމާދުކުރަމު ހެއްޔެވެ؟ ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރަމުހެއްޔެވެ؟ އެންމެ ކުޑަމިނުން ރަވާތިބު ސުންނަތްތައް ކުރަމު ހެއްޔެވެ؟ ދަމުނަމާދުކުރަމު ހެއްޔެވެ؟ ނަމާދުތައް ކުރުން ގިނަ ނުކޮށް ސުޖޫދުގައި މަރުވެވޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް މަޙްޝަރުކުރެއްވެވޭނީ އެމީހަކު އެންމެފަހުން އަމަލުކޮށްއުޅުު ގޮތުގެ މައްޗަށެވެ. ވީމާ ކޮންމެ ދުވަހެއްވެސް ފަތިސްނަމާދުން ފަށައި ދަމުނަމާދުން ދުވަސް ނިންމާށެވެ! ކޮންމެ ދުވަހަކުވެސް ވީހައި ގިނަ ހެޔޮ ޢަމަލުތައްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. ވީމާ ތިބާ މަރުވި ދުވަހުގެ ފަތުގައި ލިޔެވިގެންވަނީ ހުސް ހެޔޮކަންކަމުގައި ލިޔުއްވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
އެއިގެ ބަދަލުގައި މުޅި ޢުމުރުގައި ހެޔޮ ޢަމަލުތައްކޮށްފައި، މަރުވެގެންދާންޖެހުނީ ނުބައި ޢަމަލުތައްކުރުންމަތީގައިކަމަށްވެއްޖެނަމަ އެމީހަކަށް ކުރިމަތިވާނެ ހިތާމައިގެ ބޮޑުކަން ހިތަށް ގެންނާށެވެ! ވީމާ ކޮންމެ ދުވަހަކީވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ކުރިއަށް ޖެެއްސޭ ދުވަހަކަށް ހަދަން ގަދައަޅައި މަސައްކަތްކުރށެވެ! އެންމެ މިލިމީޓަރެއްވެސް ފަހަތަށް ޖެހުނަ ނުދޭށެވެ.
ބަޑި ހިފައިގެން އައިސް މީހަކު ބަޑިޖަހައި މަރަންއުޅޭތަން ފެނުމުން އެ މަރަނީކަން އެނގޭނެއެވެ. މަސައްކަތްކުރުމުން ސަލާމަތްވެސް ވެވިދާނެއެވެ. އެމީހާގެ ޚިޔާލު ބަދަލުވެ ނުމަރައިވެސް ހިނގައިދާނެއެވެ. އަދި ބަޑިޖެހިނަމަވެސް މަރުނުވެވެސް ހިނގައިދާނެއެވެ.
ނަމަވެސް މަލަކުލްމައުތު މަރު ހިއްޕަވަން ވަޑައިގަތުމުން ކަންކަން ހިނގާނީ އެގޮތަކަށް ނޫނެވެ. މަރުހިއްޕަވާނެތެވެ. ޖެހޭނީ މަރުވާށެވެ! ކުރިން ކުރި ނަމާދުތައް ފަރުވާކުޑަކޮށް ކުރެވިފައިވީތީ ފުރިހަމައަށް، ނަމާދެއްކުރަން ކީއްކުރަންހެއްޔެވެ؟ ތަޖްވީދުމަގުން ކީރިތި ޤުރްއާނުގެ އަކުރެއް ކިޔައިލަންވެސް ފުރުޞަތެއް ނުދެއްވަވާނެތެވެ. ހަރަކާތާއި ދޫ ވަގުތުން ބަންދުކުރައްވަވާނެތެވެ!
ވީމާ އަހަރެމެންނަށް އޮތީ ކުރާ ކޮންމެ ނަމާދަކީވެސް އެންމެފަހުން ކުރެވޭނެ ނަމާދުކަމަށް ބަލައިގެން ވީހައި ފުރިހަމައަށް ނަމާދުކުރުމެވެ. ވީހައި ފުރިހަމައަށް ޤުރްއާންކިޔަވަމުން ގެންދިއުމެވެ. ކުރާ ކޮންމެ އަޅުކަމެއްވެސް ވީހައި ފުރިހަމައަށް ކުރުންމަތީގައި ސާބިތުވެހުރުމެވެ. އާޚިރަތުގައި ފައިދާުރާނެ ވީހައި ގިނަ ހެޔޮ ޢަމަލުތައް އަބަދުވެސް ކުރަމުން ގެންދިއުމެވެ.
ރަސޫލް ﷺ އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއަކީ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކަކީ ރަނގަޅު ދުވަސްތަކެއް ކަމުގައި ލެއްވެވުން އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ. އަދި އެންމެ ފަހުން ކުރެއްވެވޭ ޢަމަލުފުޅުތަކަކީ ހެޔޮ ޢަމަލުފުޅުތަކެއް ކަމުގައި ލެއްވެވުން އެދިވަޑައިގެންވެސް ދުޢާކުރެއްވެވިއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
3:185
Maruga Raha
https://www.facebook.com/105177794454961/videos/203732081358436/
ފޯނުންވިޔަސް ނުބައި މަންޒަރު ބަލަމުން ނިދާ މީހާގެ ނިމުން ވަރަށް ހިތިވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ